ކ. މާލެ
|
26 އޭޕްރިލް 2025 | ހޮނިހިރު 13:21
ޕީއެންއެފް ޖަލްސާގެ ތެރެއިން ރައީސް ޔާމީން ވާހަކަދައްކަވަނީ. ފޮޓޯ: ރާއްޖެއެމްވީ
ޕީއެންއެފް ޖަލްސާގެ ތެރެއިން ރައީސް ޔާމީން ވާހަކަދައްކަވަނީ. ފޮޓޯ: ރާއްޖެއެމްވީ
ރާއްޖެއެމްވީ
ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާ
ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިފައިވަނީ މި ސަރުކާރުގެ ބޮޑުންނާއި، މިނިސްޓަރު އަމީން ސަސްޕެންޑް ކުރަންޖެހޭ: ޔާމީން
މި މައްސަލައަށް މިނިސްޓަރު އަމީން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވޭ
ޔުމްނު އަމިއްލައަށް ފުންމާލީ ކަމަށް ނިންމައި، ވަރަށް ބޮޑަށް މައްސަލަ އޮއްބާލުމަށް މަސައްކަތް ކޮށްފައިވޭ
ޒުވާންކަމުގެ ޖޯޝުގައި މި ސަރުކާރުން ދަނީ ސަމޯއާ އެގްރިމެންޓް ވެސް ތަންފީޒު ކުރަމުން

ޔުމްނު ރަޝީދު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޮޑުންނާ ކަމަށާއި، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ސަސްޕެންޑުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ޔުމްނު ރަޝީދު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން މަގުމައްޗަށް ނުކުތީ އިންސާފު ހޯދުމަށް ފުލުހުންގެ ފަރާތުންނާއި، ރައީސް މުއިއްޒުގެ ފަރާތުން ރިއެކްޝަންއައި ގޮތުން ކަމަށެވެ.

ޒުވާނުންގެ މި މުޒާހަރާތަކަށް ފުލުހުން ހުރަސްއަޅަމުންދާ ކަމަށާއި، ނަމަވެސް އަދި ބާރުގެ ބޭނުންކޮށްފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް ކުރިއަށް އޮތްނުގައި ޕެޕަރ ސްޕްރޭއާއެކު، ބާރުގެ ބޭނުންވެސް ކުރާ މަންޒަރު ފެންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔުމްނު ފުރާޅަށް ވެއްޓުނު މައްސަލައަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ މިހާދިސާ ގުޅެނީ މިސަރުކާރުގެ ބޮޑުންނާއި، ބޮޑުންނާ ގުޅުންހުރި މީހުންނާއި، ވަޒީރުންނާއި، ރައީސް އޮފީހުގެ ބޭފުޅުންނާއި، އެބޭފުޅުންގެ ގާތް މީހުންގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު އަމީންއާ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން ރައީސް އޮފީހުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެކަކު ވަކިކޮށްފައިވާއިރު، އަނެއް ބޭފުޅާ ހުންނެވީ ސަސްޕެންޑްގައި ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ މިމައްސަލައަށް މިނިސްޓަރު އަމީން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު ވެސް ސީޕީ އަލީ ޝުޖާއުއަށް ގުޅިކަން ހާމަވެފައިވާ ކަމަށެވެ. މި މައްސަލާގައި ޔުމްނު އަމިއްލައަށް ފުންމާލީ ކަމަށް ނިންމައި، ވަރަށް ބޮޑަށް މައްސަލަ އޮއްބާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޔުމްނު ފުރާޅަށް ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ސީޕީ ޝުޖާއުގެ އިހުމާލު ވެސް ވަރަށް ބޮޑު ކަމަށެވެ.

މުއިއްޒަކީ ތިވަރަށް މި ކަންކަމަށް ރަައްޔިތުންނާއެކު ގާތުން މަސައްކަތް ކުރާ ގާނޫނު ތަންފީޒު ކުރާ މީހަކަށް ވާނަމަ އެންމެ ފުރަތަމަ މިކަން ހިނގި ހިސާބުން މުއިއްޒަށް އެބަ އެނގޭ މީގެ ތެރޭގައި ރައީސް އޮފީހުގެ ވެރިންގެ ފެންވަރުގެ ދެ މީހުން ހިމެނޭ ކަން އެނގޭތޯ. ދެން ޓްރާސްޕޯޓު މިނިސްޓަރު އަމީން ހިމެނޭކަން އެނގޭ. ކީއްވެގެންތޯ ފުރަތަމަ ވެސް މި ތިން މީހުން މަގާމުން ވަކިކޮށްފައި މިކުދިންނާ ބައްދަލުކޮށްފައި ތިމަންނަ ވަކި ކޮށްފީމޭ ތިމަންނައަށް އެނގުނު ހިސާބުން ފިޔަވަޅު އެޅީއޭ .އަދި މިކުއްޖާގެ ހުުރިހާ ބޭހުގެ ހަރަދެއް ތިމަންނަމެން ކޮށްދޭނަމޭ. މިކުދިންނާ ބައްދަލުކޮށްލަން ވެސް އައިސްފައިނުވޭ. މިއީ މުޒާހަރާއެއް ނޫން. މިކުދިން ވެސް ބުނީ އިންސާފު ގާއިމްކޮށްދޭށޭ. ރައީސް އޮފީހުން އެތަނުން އެކަކު ވަކި ކުރީ. އަނެކަކު ސަސްޕެންޑްކުރީ. ކީއްވެގެން ތޯ ވަކި ނުކުރަންވީ. އަމީން ވެސް ވަކިކުރަންޖެހޭ. އެއީ އަމީނުގެ ބެލުމުގެ ދަށުން އަމީން ކުރުވާފައިވާ ކަމެއް މިއީ. އެއިން ރެކެން އުޅޭނެ ކަމެއް ނެތް. ސީޕީއަށް ގުޅައިގެން މިހުރިހާ ކަމެއް އޭނާ ކުރަންޖެހޭ ސަބަބެއް ނެތް. ތަހުގީގަށް ހުރަސް އަޅަން ނެތިއްޔާ.

ރައީސް ޔާމިން

ޒުވާންކަމުގެ ޖޯޝުގައި ކުރެވޭ ކަންކަމަށް އަދަބު ދިނުމަކީ ވިސްނުމެއް ނޫންކަން ރައީސް މުއިއްޒު ވިދާޅުވެފައިވާތީ ވެސް ޔާމީން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި ވިދާޅުވީ ޒުވާންކަމުގެ ޖޯޝުގައި މި ސަރުކާރުން ސަމޯއާ އެގްރިމެންޓް ވެސް ތަންފީޒު ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް