ކ. މާލެ
|
25 އޭޕްރިލް 2025 | ހުކުރު 13:44
ރައީސް ޑރ މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ހުސްނުއްސޫއޫދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް އައްޔަން ކުރައްވާ ފަތްކޮޅު ދެނީ - 15 ފެބްރުއަރީ 2024
ރައީސް ޑރ މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ހުސްނުއްސޫއޫދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް އައްޔަން ކުރައްވާ ފަތްކޮޅު ދެނީ - 15 ފެބްރުއަރީ 2024
ރައީސް އޮފީސް
އައިއައިޔޫއެމް
މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީ އިން ރައީސް މުއިއްޒުއަށް އަރުވާ އޮނަރަރީ ޑޮކްޓަރޭޓް އެވޯޑްދޭތީ ކަންބޮޑުވުން ފާޅުކޮށްފި
އައިއައިޔޫއެމް ގެ ލެގަސީއަށް ގެއްލުންލިބިދާނެ ފަދަ ޢަމަލުތަކެއް ކުރިއަށް ނުގެންދެވުމަށް އެދިފައިވޭ
ދިވެހި ސަރުކާރުން ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހުއްޓުވާފައިވޭ
އެވޯޑް ދޭން ނިންމި ނިންމުން އަލުން މުރާޖަޢާކޮށް، ރާއްޖޭގެ ޝަރުޢީ މިނިވަންކަމާއި ދުސްތޫރީ ނަޒާހަތްތެރިކަމަށް ތާއީދުކުރުމަށް ވިދާޅުވެފައިވޭ

މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝީޔާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވާ އޮނަރަރީ ޑޮކްޓަރޭޓް އެވޯޑްދޭތީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޝަރުއީ ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއް ސުއޫދު އައިއައިޔޫއެމްގެ ރެކްޓަރ ޕްރޮފެސަރ ދަތުކް އޮސްމާން ބަކަރ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރާއްޖޭގައި ތިއްބަވާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް)ގެ ކުރީގެ ދަރިވަރުންގެ ފަރާތުން އޭނާ ސިޓީ ފޮނުއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް ދެއްވުމަށް ޔުނިވަރސިޓީން ދާދިފަހުން މަޝްވަރާކޮށްފައިވާތީ އެކަމާ ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރުމަށެވެ.

ސުއޫދުގެ ސިޓީގައި ވިދާޅުވީ އެނގިވަޑައިގަންނަވާނެ ފަދައިން، ރައީސް މުޢިއްޒު ދާދިފަހުން ވަނީ، ޒާތީ މަސްލަހަތު އޮތް މައްސަލައެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރައްވާފައެވެ. އޭގެ ތެރޭގައި އެ ޔުނިވަރސިޓީގެ ކުރީގެ ދެ ދަރިވަރުން ކަމުގައިވާ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އަދި މި ނިންމުމުގެ ސަބަބުން ގާނޫނުގެ ވެރިކަމާއި، ޝަރުއީ ދާއިރާގެ މިނިވަންކަމާއި މެދު ސުވާލު އުފެދިފައިވާ ކަމަށާއި، މި ކަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފު އަދި އައި.އައި.ޔޫ.އެމް.ގެ އަދުލުއިންސާފާއި އިންސާފުގެ އުސޫލުތަކަށް އުނިކަން އަންނަކަމަށް ފެންނާތީއެވެ. ރާއްޖޭގެ ޝަރުއީ ދާއިރާއަށް ރައީސް ދިން ހަމަލާއަށް އދ ގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމައުން ފާޑުކިޔާފައިވާ ކަން ހާމަކޮށް، އެކަމާއި ގުޅިގެން ނެރެފައިވާ ނޫސް ބަޔާންތައް ވެސް ސިޓީއާއެކު ފޮނުވާފައިވެއެވެ.

ސުއޫދުގެ ސިޓީގައި ވިދާޅުވީ ޝަރުއީ މިނިވަންކަމަށް ތާއީދު ކުރުމަކީ އިންސާފުވެރި މުޖުތަމައެއްގެ މައިގަނޑު އަސާސް ކަމަށާއި ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅުތަކަކީ ސީދާ މި އުސޫލާ ޚިލާފު ކަމެއް ކަމަށެވެ. ކުރީގެ ދަރިވަރުންގެ ހައިސިއްޔަތުން، އައިއައިޔޫއެމްއާ ގުޅުން ބަދަހިކޮށް، އަދުލު އިންސާފާއި ނަޒާހަތްތެރިކަމާއި ޑިމޮކްރެޓިކް ވެރިކަމެއް ކުރިއެރުވުމަށް ކުރާ މަސައްކަތާ މެދު ފަޚުރުވެރިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އަދި މި އަސާސްތަކަށް އިހުމާލުވެފައިވާކަން ދައްކާފައިވާ ލީޑަރަކަށް އޮނަރަރީ ޑޮކްޓަރޭޓް ދިނުމަކީ ޔުނިވަރސިޓީގެ އަގު ވައްޓާލައި، މިފަދަ ނާޒުކު މައްސަލަތަކުގައި ޔުނިވަރސިޓީގެ ސްޓޭންޑާމެދު ނުތަނަވަސްވާ ފަދަ މެސެޖެއް ލިބިގެންދާނެ ކަމެއް ކަމަށް ފާހަގަކުރައްވާ ފައިވެއެވެ. އެހެންކަމުން ރާއްޖޭގެ އައި.އައި.ޔޫ.އެމް.ގެ ކުރީގެ ދަރިވަރުން، އައި.އައި.ޔޫ.އެމް.ގެ އިދާރީ ހިންގުން އިޚްލާޞްތެރިކަމާ އެކީގައި އިލްތިމާސްކުރައްވަނީ މި ނިންމުން އަލުން މުރާޖަޢާކޮށް، ރާއްޖޭގެ ޝަރުޢީ މިނިވަންކަމާއި ދުސްތޫރީ ނަޒާހަތްތެރިކަމަށް ތާއީދުކޮށް ހަރުދަނާ ސްޓޭންޑެއް އެޅުމަށެވެ.

އައިއައިޔޫއެމް އަކީ ޤައުމީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުންވެސް އަދުލުއިންޞާފާއި ޑިމޮކްރަސީގެ އަސާސްތައް ކުރިއަރުވައި، އެ މުއައްސަސާގެ އަސާސްތަކާއި އުޞޫލުތައް ދަމަހައްޓާތަނެއް ކަމަށް ސުއޫދުގެ އެ ސިޓީ ގައި ފާހަގަކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ސަސްޕެންޑްކޮށް، އެ ކޯޓުގެ މަސައްކަތްތަކަށް ހުރަސް އަޅާފައިވާތީ އެކަންކަން ވެސް ސިޓީއާއެކު ސުއޫދު ވަނީ ހިމަނުއްވާފައެވެ.

ސުއޫދު ވިދާޅުވީ ކުރީގެ ދަރިވަރުންގެ ކަންބޮޑުވުންތައް ސީރިއަސްކޮށް ބަލައި، ޔުނިވަރސިޓީއަށާއި، ޔުނިވަރސިޓީގެ ލެގަސީއަށް އެންމެ ފައިދާހުރި ގޮތަކަށް ޢަމަލުކުރައްވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

- ކޮމެންޓް