ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި ޒުވާނުންތަކެއް މަސްތުވާތަކެއްޗާއެކު ޕާޓީކޮށް އަންހެން ކުއްޖަކު ގެއަކުން ވެއްޓުނު މައްސަލަ އެމްޑީޕީގެ ބޮލުގައި އަޅުއްވައިފިއެވެ.
"އަޕް ޓު މަދަރ" ގެ ނަމުގައި ސޯޝަލް މީޑިއާއިން ފެނިގެން ދިޔަ ޒުވާން ކުދިންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވެ، އެއިން ބައެއް ފަރާތްތަކަށް ރައީސް އޮފީހުގެ ސިޔާސީ އިސް މަގާމްތަކެއްވެސް ވަނީ ދީފައެވެ. އަދި ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީންގެ ގެ، މާންދޫގޭ ދެކުނުގެ ގައި އަމީންގެ ދެ ކޮއްކޮ ހިމެނޭގޮތަށް މަސްތުވާތަކެއްޗާއެކު ހުކުރު ދުވަހުގެރޭ ޕާޓީކުރި އިރު އެ ޕާޓީގައި ރައީސް މުއިއްޒުއަށް ތާއިދުކޮށް ސަރުކާރު ޕްރޮމޯޓްކޮށް އަދި ރައީސް އޮފީހުގެ ސިޔާސީ އިސް ދެމަގާމެއްގެ އިތުރުން ރައީސް މުއިއްޒު އެކުލަވާލެއްވި "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" ގެ ރައީސް ކަމުގެ މަގާމުގައި ހުރި ފަރާތްވެސް ހިމެނެއެވެ.
މީގެ އިތުރުން ހ. ފެންޓޮނޯއީ ގެއިން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވައްޓާލުމުގައި އެ ޕާޓީގައި މަސްތުވާތަކެތި ބޭނުންކޮށް މަޖާކުރި ޒުވާނެއްކަމަށްވާ ރައުދު އަހުމަދު ޒިލާލްގެ އަތެއްވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި މައްސަލައިގައި ސިޔާސީ މީހުންގެ އާއިލާ މީހުންނާއި ސިޔާސީ ފަރާތްތަކުގެ ނުފޫޒު ހިމެނޭކަމަށް ބުނެ މުޅި ސަރުކާރާއި ދެކޮޅަށް ޒުވާނުން އަންނަނީ ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށް ހަފްތާއެއްވިފަހުން، އަދި މި ސަރުކާރުން މި މައްސަލައަށް ނުފޫޒު ފޯރުވަމުންދާކަމަށް ގިނަ ބަޔަކު ބުނެފައިވަނިކޮށް، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ވަނީ މި މައްސަލަ އިދިކޮޅު އެމްޑީޕީގެ ބޮލުގައި އަޅުވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީގޮތުން އަޅުގަނޑުމެންގެ ތެރޭގައި އެކިކަހަލަ ކަންކަން ހިނގަން އުޅޭ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. މިހާރު މި ހިނގައިން އުޅޭ ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ، އެމަނިކުފާނު އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެގޮތުގައި، ބިރަކާނެތި، ބިރަކާނުލައި މަޖާކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއްގޮތުގައި ޕްރޮމޯޓްކުރި މީހުން މީގެ އަހަރުތަކެއް ކުރިން ކަމަށެވެ.
މިހާރު މި ހިނގައިން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިޘާއަށް ވިސްނާލާއިރުވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެގޮތުގައި، ބިރަކާނެތި، ބިރަކާނުލައި މަޖާކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއްގޮތުގައި ޕްރޮމޯޓްކުރި މީހުން މީގެ އަހަރުތަކެއް ކުރިން. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން، ދީނުގައި ކަނޑައެޅިފައިހުރި އިންތަކާއި، މިންތަކާއި، އުސޫލުތަކާއި، ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ، މަޖާކުރާށޭ. ޒުވާންކަމުގައި ތިޔަކުދިން ބޭނުންގޮތަކަށް އުޅޭށޭ. ކިޔާފައި އެ ހިތްވަރުދިން މީހުން، މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެކުދިން މިސްޔޫސް ކުރަމުންދާ ދިޔުން، ލޯ ހުޅުވައި ބަލަންއެބަޖެހޭ. ލޯހުޅުވައި ބަލަންޖެހޭ. އެކުދިން އެ މަގުން ދިޔައީ، ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން. މި ޤައުމުގައި އޮތް މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި، އުސޫލުތަކާއި، އަޅުގަނޑުމެންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް މި ޤައުމު ނެރެ، އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން. އޭގައި ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން، ސިޔާސީ ފައިދާނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވެއްދުމަކީ، ކޮށްގެންވާނެ ކަމެއްނޫން.
ރައީސް ޑރ. މުހައްމަދު މުއިއްޒު![]()
ޔުމްނު އަށް އިންސާފު ހޯދަން ނުކުތް ޒުވާނުނަށް މަލާމާތް ކުރައްވާ ރައީސް ވިދާޅުވީ އެ ޒުވާނުންނަކީ ސިޔާސީ އޮއިވަރެއްގައި ޖެހިފައި ތިބި ބައެއް ކަމަށެވެ.
ހ. ފެންޓެނޯއީ ގޭގެ މަތިން ގެ އެއްގެ ފުރާޅަށް، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން އެރޭ މަސްތުގެ ހާލަތުގައި ޕާޓީ ކުރި ކަމަށް ތުހުމަތުކުރެވޭ 8 މީހުންގެ ވަނަވަރު އާއްމުކޮށް ސީސީޓީވީ ފުޓޭޖް އާއްމުކޮށްފައިވެއެވެ.
މި މީހުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި ރައީސް އޮފީހުގެ މަގާމެއްގައި ހުއްޓާ މަސްތުވާކަތެއްޗާއެކު ޕާޓީ ކުރުމުގެ ތުހުމަތުގައި ވަކިކުރި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުން އިޒްދިޔާން މުހައްމަދު މައުމޫނާއި، އަމީނަށް ބޮޑުބޭބޭ ކިޔާ 22 އަހަރުގެ ޔޫސުފް އަހުމަދު އަކްރަމް ހިމެނެއެވެ.
މީގެ އިތުރުން ޔުމްނު ވައްޓާލުމުގައި އަތެއްވަކަމަށް ތުހުމަތުކުރެވިފައިވާ ރައުދު އަހުމަދު ޒިލާލް، އައިޝަތު ލަޔާލީ އިގްބާލް، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، އައިމިނަތު ޖުނައިދާ ޖަމްޝީދު، ހުސައިން ހަމީސް އަލީ އަދި އިޖާޒު ޖާއިޒު ކިޔާ ޒުވާނެއް ހިމެނެއެވެ.