ހ. ފެންޓެނޯއީ ގޭގެ މަތިން ފުރާޅު މައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއި އެކު އުޅުނު، ރައުދު އަހުމަދު ޒިލާލު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން ކަން އެނގިއްޖެއެވެ.
ރާއްޖެއެމްވީއަށް އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށް ބުނެ އެވެ.
ނަމަވެސް ފުލުހުން އެންމެ ފުރަތަމަ މިކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުމެއްވާ ކަމެއް އެނގިފައިނުވާ ކަމަށާއި ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
18 އޭޕްރިލް ވަނަ ދުވަހު ހ.މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ގ. އެރިއަދޫ، ރައުދު އަހްމަދު ޒިލާލް 21، އަހަރު ކޯޓް އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ 18:20 ގައި ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން ރައުދު އަހްމަދު ޒިލާލް އާއި ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން ޖުމްލަ 7 މީހެއްގެ ފޯނު ވަނީ ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.
އަދި މިމައްސަލައާއި ގުޅިގެން މާންދޫގޭ ދެކުނުގެ ޓެރަސްއާއި ދެވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި 3 ވަނަ ފަންގިފިލާވަނީ ބަލާ ފާސްކޮށްފައެވެ. މިތަންތަން ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެއްޗެއް ގެންދިޔަ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކޮށްފައިވަނީ ތަފާތުކޮށް ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންގެ އިތުރުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ޔުމްނު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ 18 އޭޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެއެވެ.