ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަން ބެލެހެއްޓުމުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
ޝައްމާންގެ އާއިލާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ރައީސް މުއިއްޒުއަށް މެސެޖެއް ފޮނުއްވި ކަމަށާއި އެމެސެޖުގައި ބިދޭސީންގެ ކޯޓާ އަދި ވާރކް ޕަރމިޓް ދޫކުރުމުގައި މިނިސްޓަރ އިހްސާން ހިންގަމުން އަންނަ ކޮރަޕްޝަނާއި ގުޅޭ މައުލޫމާތުތައް ރައީސްއާއި ހިއްސާކުރައްވާފައިވާ ކަމަށެވެ.
މިމިސެޖަށް ރައީސް އެއްވެސް ސަމާލުކަމެއް ނުދެއްވައެވެ.
މިނިސްޓަރ އިހުސާންއާ ދެކޮޅަށް ޒާތީގޮތެއްގައި ކަންކަން ޝަމްއާން ކުރާ ކަމަށް މައުލޫމާތު ލިބިއްޖެ، އިހުސާން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރޭ އަދި ޔަގީން ނުކުރާނެކަން ވެސް، އަޅުގަނޑަށް އިވުނު ވާހަކައަކީ ހަގީގަތެއް ނަމަ ދަންނަވަން، ލޯޔަލް ވުކަމީ ތިޔެއް ނޫން، އަޅުގަނޑަށް ކަމު ނުދާ އެތައް ގޮތަކަށް ޝަމްއާން މިހާތަނަށް ވެސް އުޅެމުން އައީ، އާދަޔާ ހިލާފަށް ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅުމާ އެކަހަލަ އެތައް ކަމެއް.
ރައީސް ވިދާޅުވި ކަމަށް ޝަމްއާންގެ އާއިލާއިން ބުނެފައިވާ ބަސްކޮޅު![]()
ޝަމްއާންގެ އާއިލާއިން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިހުސާން ހިންގާ ކޮރަޕްޝަނުގެ ވާހަކަތައް ރައީސްއާ ހިއްސާ ކުރެއްވުމާއެކު އިމިގްރޭޝަނާ ގުޅުންހުރި މުހިންމު އެތައް ކަމެއް ހޯމް މިނިސްޓްރީ ތެރެއިން ހުއްޓުވި ކަމަށެވެ. އަދި އިމިގްރޭޝަނުގެ ހިދުމަތްތަކާ ގުޅޭ އެތައް ކަމެއް ހޯމް މިނިސްޓްރީގައި މަޑު ޖެއްސުވި ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ.
މިބަޔާނުގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ޝަމްއާންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމުގެ މަސައްކަތް ވެސް މިނިސްޓަރު އިހުސާން ފެށި ކަމަށާއި އެގޮތުން ޖަމިއްޔާއެއް ރަޖިސްޓްރީކުރުމުގެ ބޭނުމަށް ޝަމްއާން ވަހީދުގެ ކުށުގެ ރިކޯޑު ސާފުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުން، ޝަމްއާންއަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ބަލަމުން ގެންދާކަން ފެބްރުއަރީ 2، 2025 ގައި ފުލުހުން ދޫކޮށްފައިވާ ކުށުގެ ރިކޯޑަށް ބެލުމުން ފާހަގަކުރެވުނު ކަމަށެވެ.
ނަމަވެސް އެފަދަ ތުހުމަތެއް ޝަމްއާންއަށް އޭގެ ކުރިން ފުލުހުން ކޮށްފައި ނުވާތީ އާއި އެފަދަ އަމަލެއް ވެސް އޭނާ ކޮށްފައި ނުވާތީ ކުށުގެ ރިކޯޑާއެކު މިނިސްޓަރު އިހުސާންއާ ޝަމްއާން ބައްދަލު ކުރި ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. އިހުސާންއާ ބައްދަލު ކުރުމުން ޝަމްއާންގެ ކުށުގެ ރިކޯޑުގައި މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަމުންދާ ކަމަށް ލިޔެވިފައި އޮތީ އިދާރީ ކުށަކުން ކަމަށް އިހުސާން ވިދާޅުވި ކަމަށް އާއިލާއިން ބުންޏެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު އިހުސާންއާ ޝަމްއާން ބައްލުކުރުމުން، އެއީ "އިދާރީ އޮޅުމަކުން" ހިނގާފައިވާ ކަމެއް ކަމަށް މިނިސްޓަރު އިހުސާން ބުނެފައިވާ ކަމަށާއި އަދި ވަގުތުން ކޮމިޝަނަރު އޮފް ޕޮލިސް މިނިސްޓްރީއަށް ހާޒިރުކޮށް، ކުށުގެ ރިކޯޑު އިސްލާހުކުރުމަށް ވެސް މިނިސްޓަރު އިހުސާން އަންގާފައިވާއިރު ފެބްރުއަރީ 5، 2025 ގައި ދިވެހި ފުލުހުންގެ ހިދުމަތުން ދޫކޮށްފައިވާ ކުށުގެ ރިކޯޑުގައި ޝަމްއާންގެ އެއްވެސް ކުށުގެ ރިކޯޑެއް ނެތްކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ޝަމްއާންގެ އާއިލާއިން ބުންޏެވެ.
ޝަމްއާންގެ އައިލާއިން ނެރުނު ނޫސްބަޔާނުގައި އިހުސާންއަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެގޮތުން އިހުސާން ހިންގަމުންދިޔަ ޣައިރު ގާނޫނީ އަމަލުތަކުގެ ސަބަބުން އިމިގްރޭޝަންގެ އިދާރީ ހިންގުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ހިލާފަށް އިމިގްރޭޝަންގެ ޕްރޮކިއުމަންޓް ޕްރޮސެސް ބޭނުންކުރުމަށް މިނިސްޓަރު އަލީ އިހުސާން ވަނީ މަސައްކަތް ކޮށްފައި ކަމަށާއި މިނިސްޓަރު އިހުސާންގެ ސެކްރެޓަރީ މެދުވެރިކޮށް އިމިގްރޭޝަންގެ ބަޖެޓް ސެކްޝަންގެ އިސްވެރިންނަށް ގުޅައި، ގާނޫނާ ހިލާފު ކަންކަން ކުރުމަށް މިނިސްޓަރު އިހުސާން މަސައްކަތްކޮށްފައިވާ ކަމަށެވެ.