"ހަމައެކަނި ފުރަތަމަ، މި ޖުލައި މަސް ނިމޭއިރުގައި ބަންކަރިންގެ ޚިދުމަތް ފަށައިގެން އަންނަ އަހަރުގެ ޖުލައި އަންނަންވާއިރު އަޅުގަނޑުމެން އަންދާޒާ ކޮށްލީއިރު، އަޅުގަނޑު ދެންމެ މި ދެންނެވި ރާއްޖޭގެ ޖީޑީޕީ އަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު، އޭގެ ތެރެއަށް އިރާދަ ކުރެއްވިއްޔާ މުޅިން އައު ހަތަރު ސަތޭކަ މިލިއަން ޑޮލަރު ވަދެގެން ދާނެ"
މިއީ ވެރިކަން ކުރާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މި ސަރުކާރުގެ އިޤްތިސާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވި ވާހަކަ އެވެ. އަޑަށް ބާރު ލައްވައި، ވަރަށް ޖޯޝާ އެކު އެ ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން، އެއް އަހަރުގެ ތެރޭގައި ރާއްޖެ އަށް މުޅިން އަލަށް 400 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ވާހަކަ އެވެ.
ސަރުކާރުން ބަންކަރިންގެ ޚިދުމަތް ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ހއ.ހޯރަފުށީގެ ހޭފިފަށް ކޮށާލައިގެން ބަންކަރިން ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވިއިރު، ސަރުކާުރުން ބުނަމުން ދިޔައީ އެއީ މުޅި ރާއްޖޭގެ އިޤްތިސާދީ ޙާލަތު ބަދަލު ކޮށްލާނެ މަޝްރޫއެއް ކަމަށެވެ.
އެހެން ނަމަވެސް، ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބުނު އާމްދަނީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން، މިހާރު ވަޒީރު ސައީދު ދައްކަވަނީ މުޅިން އެހެން ވާހަަކަ އެކެވެ. ކުރިން ލިބޭނެ ކަމަށް ވިދާޅުވި 400 މިލިއަން އެމެރިކާ ޑޮލަރުގެ ވާހަކަ އަކީ، ނޫސްވެރިން ޓްވިސްޓު ކުރާ ވާހަކަ އެއް ކަމަށް ވެސް ވިދާޅުވެއްޖެ އެވެ.
ވަޒީރު އެވެ. ސަރުކާރަށް އެއް އަހަރު ފުރެން ގާތްވެފައި ވަނިކޮށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، އެހާތަނަށް ބަންކަރިންގެ ޚިދުމަތުން 1.5 ބިލިއަން އެމެރިކާ ޑޮލަރު ލިބުނު ކަަމަށް ވެސް މަނިކުފާނު އޮތީ ވިދާޅުވެފަ އެވެ.
މިއަދު، ބަންކަރިންގެ ޚިދުމަތުން ލިބުނު އާމްދަނީގެ ސުވާލު ކުރުމުން ވަޒީރު ދައްކަވަނީ ބަހަނާ އެވެ. ޖަވާބު ދެއްވަން ދެކޮޅު ހައްދަވަ އެވެ. ވިދާޅުވަމުން ގެންދަނީ އެކަން އެސްޓީއޯގެ ހިސާބުތަކުން ފެންނަން ހުންނާނެ ކަމަށެވެ. ބަންކަރިންގެ ޚިދުމަތުން ލިބުނު އާމްދަނީއާ ގުޅޭ ގޮތުން އެސްޓީއޯއާ ސުވާލު ކުރުމަށް ވެސް ވަޒީރު އެދި ވަޑައިގެންނެވި އެވެ.
އަދި ވަޒީރު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށި ކަމަށްޓަަކައި، އެސްޓީއޯ އިން ރެކޯޑު ކުރާ ކޮންމެ އަދަދެއް މީޑިއާތަކާ ކޮންމެ ދުވަހަކު ހިއްސާ ނުކުރެވިދާނެ ކަމަށެވެ.
ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބުނު އާމްދަނީގެ އެއްވެސް ތަފުސީލެއް ހިއްސާ ނުކުރައްވައި ވަޒީރު ވިދާޅުވީ، އެ ތަފުސީލު އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެކަމުން އުންމީދީ ރަނގަޅު ނަތީޖާއެއް ލިބެމުން އަންނަ ކަމަށާއި، އަމާޒު ކުރި ވަރަށް މަސައްކަތްތަކެއް ކުރިއަރައިގެން ދާ ކަމަށެވެ.
ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބުނު އާމްދަނީގެ އަދަދު ހިއްސާ ކުރަން އިޤްތިސާދީ ވަޒީރު ދެކޮޅު ހައްދަވަނީ އެމަނިކުފާނު މީގެ ކުރިން ވިދާޅުވި ހަތަރު ސަތޭކަ މިލިއަން ޑޮލަރު ނުލިބި، ދެއްކި ވާހަކަ ތަކުން ބޭޒާރު ވެދާނެތީ ނޫން ނަމަ، ދެން އޮތީ ކޮން ކަމެއް ހެއްޔެވެ؟