ހިޔާނާތުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝައްމާން ވަހީދު ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ދެވަނަ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ޝައްމާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ 22 މާރޗް 2025 ގައެވެ. އަދި 26 މާރޗް 2025 ގައި ޝައްމާން ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައި ނުގަނެ ހައިކޯޓުން ވަނީ ބޭރުކޮށްލާފައެވެ.
ނަމަވެސް ރަޖިސްޓްރާގެ އެ ނިންމުން ޝައްމާންގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއެވެ. އަދި މި މައްސަލަ ބަލަން ޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބުދަ ދުވަހު ވަނީ ނިންމާފައެވެ. ތިން ފަނޑިޔާރުން ވެސް ކަނޑައެޅުއްވީ އިސްތިއުނާފުގެ މަރުހަލާގެ ބޭނުމަށް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭތީ، ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.
މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ހުޒައިފާ މުހައްމަދު (ރިޔާސަތު)، ފާތިމަތު ފަރުހީޒާ އަދި މުހައްމަދު ސަލީމް އެވެ. 10 އޭޕްރިލްގައި އެ މައްސަލަ ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. ހޯމަ ދުވަހުގެ ޝަރީއަތުގެ އަޑު އެހުމަކީ އެ މައްސަލައިގެ ފުރަތަމަ އަޑު އެހުމެވެ.
ޝަމްއާންގެ އިސްތިއުނާފު ދެވަނަ އަޑުއެހުން ހައި ކޯޓުގައި އަންގާރަ ދުވަހު މެންދުރު 1:00 އަށް އޮތީ ތާވަލްކޮށްފައެވެ. އެ އަޑުއެހުން ބުދަ ދުވަހަށް އަލުން ތާވަލްކޮށްފައިވާ ކަމަށް ހައިކޯޓުގެ މީޑިއާ އޮފިޝަލް ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައެވެ. އަންގާރަ ދުވަހުގެ ކެންސަލްކުރީ އެ ގަޑީގައި މައްސަލަ ބަލާ ފަނޑިޔާރަކު ބައިވެރިވެވަޑައިގަންނަވާ އަޑުއެހުމެއް އެ ގަޑި އާއި ދިމާކޮށް ކުރިއަށް ދާތީއެވެ.
ހޯމަ ދުވަހު މި މައްސަލައިގެ ފުރަތަމަ އަޑު އެހުން ވަނީ ބާއްވާފައެވެ. އެ އަޑު އެހުމުގައި ޝައްމާންގެ ވަކީލް ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތު ކުރެވޭ މީހުންނާއި، މަނީ ލޯންޑަރިންގެ ކުށުގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ބަންދުކޮށްގެން ގެންގުޅުމަކީ ދައުލަތުން އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ. އެހެންކަމުން ޝައްމާނާއި މެދު ޚާއްސަ އުސޫލަކުން ޢަމަލުކުރާ ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.
އާއްމު އުސޫލަށް ބަލާ އިރު މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ތުހުމަތު ކުރާ މީހަކު ހައްޔަރު ކުރާ ނަމަ އެކަން ކުރަނީ ހެއްކަށް ނުފޫޒު ފޯރުވައިފާނެ ފަދަ ހާލަތެއް އޮވެއްޖެ ނަމަ އެކަނި ކަމަށް ޝައްމާންގެ ވަކީލް ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް ޝަމްއާން ހައްޔަރު ކުރީ މުޖުތަމައުގެ ރައްކާތެރިކަމަށް ހުރި ނުރައްކަލެއް ކަމަށް ބަލައިގެންކަމަށް ވެސް އޭނާގެ ވަކީލް ވިދާޅުވިއެވެ.
އޭނާގެ ވަކީލް މިފަދައިން ވިދާޅުވެފައި ވާއިރު ޝައްމާންގެ އަނބިކަނބަލުން ހިދުފާ ފާއިޒް ވަނީ ޝައްމާން ނުހައްގުން ފްރޭމްކޮށްފައިވާ ކަމަށް އޭނާ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައެވެ.ޝައްމާންގެ އަމުރަށް، 530،000 (ފަސްލައްކަ ތިރީސް ހާސް) ދިވެހި ރުފިޔާއާއެކު ބިދޭސީއެއް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭގެ ބަލާފާސް ކޮށްފައިވާއިރު، އެގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލެމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ޝައްމާން ހައްޔަރުކޮށްފައިވަނީ ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީގައި ސޮއިކުރުމަށް 21 މާރޗް 2025 ވީ ހުކުރު ދުވަހުގެ ރޭ ހެންވޭރު ޕޮލިހަށް ހާޒިރުވުމުން ކުއްލި ގޮތަކަށެވެ.
ޝައްމާންއަށް ތުހުމަތު ކުރެވޭ މައްސަލާގައި ސަރުކާރުން ތަފާތު ގޮތަކަށް އަމަލުކުރާ ކަމަށާއި، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވަނީ، މި މައްސަލާގެ ހަގީގަތް ޝައްމާން މީޑިއާތަކަށް ތިލަ ކުރާނެތީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މި މައްސަލާގައި ސަރުކާރުގެ ވަޒީރެއްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.
ޝައްމާންގެ ބަންދަށް ފުރަތަމަ ދިން 15 ދުވަސް ހަމަވުމާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ 6 އޭޕްރީލް 2025 ގައެވެ