ކ. މާލެ
|
22 އޭޕްރިލް 2025 | އަންގާރަ 14:37
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު
ރާއްޖެއެމްވީ
ބާރުތައް އެއްކުރުން
މަޖިލީހުން ކުރާހާވެސް ކަމަކީ ރައީސް ބޭނުންފުޅުވާ ބާރުތައް އެމަނިކުފާނަށް ދެއްވުން - ވަހީދު
މަޖިލީހުގައި މަސައްކަތް ކުރިއަށްނުދޭ، ކުރާހާވެސް ކަމަކީ ގާނޫނުތަކަށް ބަދަލު ގެނެސް ރައީސްއަށް ބާރުދިނުން
ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުދުމުހުތާރު ވެރިއެއްގެ ސިފައިގައި
ވަޒީރަކާ ސުވާލުކުރަން ހުށަހެޅިތާ 5 މަސް ދުވަސް ވެގެން ދިޔަ އިރުގައި، މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް

މަޖިލީހުން ކުރާހާވެސް ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ބާރުތައް އެމަނިކުފާނަށް ދެއްވުމަށް ގާނޫނުތަކަށް ބަދަލު ގެންނެވުން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ ފެނިގެން މިދަނީ ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންގަވާ މަސައްކަތަކީ ހުދުމުހުތާރު ވެރިއަކަށް ބަދަލުވެވަޑައިގަތުން ކަމަށެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުދުމުހުތާރު ވެރިއެއްގެ ސިފައިގައި ކަމަށާއި، ރާއްޖޭގެ މުސްތަގިއްލު ހުރިހާ މުއައްސަސާއަކަށް ބަދަލު ގެންަވައިގެން، އެމަނިކުފާނު ވިދާޅުވާ ކޮންމެ ކަމެއް ކުރައްވާނެ ބޭފުޅުން މުއައްސަސާތަކަށް އައްޔަންކުރައްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ވަޒީރަކާ ސުވާލުކުރަން ހުށަހެޅިތާ 5 މަސް ދުވަސް ވެގެންދިޔަ އިރުގައި، ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެންދާތަން ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް އިރު، ވަޒީރާއި ސުވާލުކުރުމަށް އެޖެންޑާކުރުމަށްފަހު ވެސް ޖަލްސާ ނުބާއްވާ ކަމަށާއި، ހަމައެކަނި މަޖިލީހުން ކުރާ ކަމަކީ ރައީސް ބޭނުންބާ ބާރުތައް އެމަނިކުފާނުގެ އަތްޕުޅަށް ނެންގެވުން ކަމަށެވެ.

އިތުރު ޖަލްސާއެއްވެސް އެހެންކަމެއްވެސް ކުރައްވާކަން ޖަލްސާއެއް ނުބާއްވާ. އެއީ ރައްޔިތުންނަށް އެކަންކަން ތިލަވެގެންދާނެތީ، އެވާހަކަ އިދިކޮޅު މެންބަރުން ދައްކަފާނެތީ އެ ޖާގަ ނުދިނުމަށްޓަކައި މަސައްކަތް ކުރަނީ. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ވެސް ލިބިގެންވާ ބާރެއް ނޫން އެއީ ރައްޔިތުންގެ މަޖިލީހުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހަފްތާއަކު 3 ދުވަހު ޖަލްސާ ބާއްވަންޖެހޭނެ. ޖަލްސާ ބާއްވާފައި އެ ޖަލްސާގައި އެޖެންޑާކުރެވޭނެ ކަންކަން ހުންނަންވާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ސީދާ ރައީސުލްޖުމްހުރިއްޔާއާއި އެޓަރނީ ޖެނެރަލް ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލިސް ހުއްޓުވާލައިގެން އެތަނުން ރައްޔިތުންނަށް ކަމެއް ސާފުވެދާނެގޮތް ނެތްގޮތަށް ހެއްދެވުމަށް.

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

ވަހީދު ވިދާޅުވީ ރައީސް ނޫސްވެރިންނާއި ރައްޔިތުންނާއި ބައްދަލު ނުކުރައްވަނީ ކަމެއް ސާފުކޮށްދެއްވަންޖެހިދާނެތީ ކަމަށެވެ. ހަމައެކަނި ކުރައްވާ ކަމަކީ އެމަނިކުފާނު ބޭނުންފުޅުވާ ސުވާލެއް ލިޔުއްވައިގެން އެއަށް ބޭނުންފުޅުވާ ޖަވާބެއް ލިޔުއްވައިގެން އެ ކިޔުއްވުން ކަމަށެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ނޫސްވެރިންގެ ސުވާލަކަށް ޖަވާބެއް ދެއްވަން ބޭނުންފުޅުނުވޭ. ކަންކަން ސިއްރުކުރައްވައިގެން މި އުޅުއްވަނީ. އެކަމަކު އަބަދަކު އެހެން ނޫޅުއްވޭނެ. ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެގޮތަށް އަބަދު ފިއްލަވައިގެން އުޅުއްވަން ރައީސުލްޖުމްހުރިއްޔާ ހީފުޅުކުރައްވައިގެން، ދިވެހިރާއްޖޭގެ ގާނޫނުތައް ބަދަލުކުރައްވައިގެން ހުދުމުހުތާރު ވެރިއަކަށް ބަދަލުވެވަޑައިގެން ގައުމު ހިންގުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ރައްޔިތުން ނުދޭނެ.

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

ވަހީދު ވިދާޅުވީ ސަރުކާރުން ކުރާ ކަމަކީ އިންތިހާބުވީ ވައުދުތަކާއި ހިލާފަށް، ހާމަކަން ބޮޑު ސަރުކާރެއް ހިންގަވާނެކަމަށް ވައުދުވެވަޑައިގެން އައިސް ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ސިއްރުކުރައްވައިގެން މުޅި ދައުލަތް ހިންގުމަށް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

- ކޮމެންޓް