މިދިޔަ މަހު ޣައްޒާގައި އެހީދޭ 15 މީހަކު ޝަހީދުކޮށްލި މައްސަލަ ސީރިއަސް ތަހުގީގެއް ހިންގުމަށް ފަލަސްތީނުގެ ރެޑްކްރެސެންޓުން ގޮވާލައިފިއެވެ.
އެހީދޭ 15 މީހަކު ޝަހީދުކޮށްލި މައްސަލައިގެ ސީރިއަސް ތަހުގީގެއް ހިންގުމަށް ފަލަސްތީނުގެ ރެޑްކްރެސެންޓުން ގޮވާލާފައިވަނީ، އެހީދޭ ފަރާތައް ޝަހީދުކޮށްލި މައްސަލައިގައި އިސްރާއިލުން "ޕްރޮފެޝަނަލް ފެއިލިއަރސް" ހުރިކަމަށް ގަބޫލުކޮށް 2 އޮފިސަރަކަށް އަހުލާގީ ފިޔަވަޅު އެޅިތާ އެއްދުވަސް ފަހުންނެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓްގެ ޗެއަރމަން ޔޫނުސް އަލް ޚަތީބު ވިދާޅުވީ އިޒްރޭލުގެ އަސްކަރިއްޔާއިން އެއް އޮފިސަރަކަށް ފާޑުކިޔާ އަނެއް އޮފިސަރަކު މަގާމުން ވަކިކުރި ފިޔަވަޅުތަކަކީ ފުދޭ ފިޔަވަޅުތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ކުންފުންޏެއްގެ މެނޭޖްމަންޓުން ކޮންމެވެސް ކަހަލަ ގޯހެއް ހެދި މުވައްޒަފުންނާ މެދު އިދާރީ ގޮތުން ފިޔަވަޅު އެޅުން ކަހަލަ ކަމެއް ކަމަށެވެ. އަދި މެޑިކަލް ސްޓާފުންނާއި ސިވިލް ޑިފެންސްގެ 15 މީހަކު ޝަހީދުކުރުމުން އެއީ "ފިޔަވަޅުތައް" އެޅުން ކަމަށް ނުބުނެވޭނެކަމަށް ޔޫނުސް ވިދާޅުވިއެވެ.
އާދީއްތަ ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޣައްޒާގައި ހުންނަ ސްޕެޝަލް ފޯސަސް ޔުނިޓެއްގެ މެމްބަރުން މިމަހުގެ 23 ވަނަ ދުވަހު ހިނގި ތަފާތު ތިން ހާދިސާއެއްގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެ ހާދިސާގައި އެމްބިއުލާންސާއި ފަޔަރ ޓްރަކަކާއި އދ.ގެ ވެހިކަލަކަށް ބަޑި ޖަހާފައިވާ ކަމަށެވެ.
ބްރިގޭޑް ކޮމާންޑަރަށް ފާޑުކިޔާ، އެ ހާދިސާ ހިނގި އިރު އެތަނުގައި ހުރި ޑެޕިއުޓީ ބެޓަލިއަން ކޮމާންޑަރު މަގާމުން ވަކިކުރާނީ ޕްރޮފެޝަނަލް ފެއިލްވުމާއި އަމުރާ ހިލާފުވުމުގެ އިތުރުން އެ ހާދިސާ ފުރިހަމައަށް ރިޕޯޓް ކޮށްފައި ނުވާތީ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އިސްރާއިލު ސިފައިން އެމީހުން ތިބި ތަންތަނަށް ދިޔަ ކޮން އުޅަނދުތަކެއް ކަމެއް ނޭނގޭ އުޅަނދުތަކަކަށް ބަޑިޖެހި ކަމަށް ފުރަތަމަ ބުނުމަށް ފަހު، އަސްކަރިއްޔާއިން ވަނީ އެ އުޅަނދުތަކަކީ އިމަޖެންސީ ވެހިކަލްތަކެއްގެ ގޮތުގައި ވަރަށް ސާފުކޮށް ފާހަގަކުރެވިފައިވާ އުޅަނދުތަކެއްކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ތަހުގީގަށް އެނގުނު ގޮތުގައި އަނދިރީގައި ސިފައިންނަށް ސާފުކޮށް އުޅަނދުތައް ނުފެންނަ ކަމަށް ބުނެފައިވެއެވެ.
އިސްރާއިލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އަސްކަރިއްޔާގެ އެޑްވޮކޭޓް ޖެނެރަލްގެ އޮފީހުން މިހާރު އިތުރު ފިޔަވަޅެއް އެޅިދާނެ ކަމަށާއި އޭގެ ތެރޭގައި ސިފައިންނާ މެދު ޖިނާއީ ފިޔަވަޅު ވެސް އެޅިދާނެ ކަމަށެވެ.
އެހީދޭ މީހުން މަރާލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ އެކަން ކުށްވެރިކޮށް، އެކަން ހިނގި ގޮތް ސާފުކޮށްދިނުމަށާއި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އަސްކަރިއްޔާއަށް ޕްރެޝަރު ކޮށްފައެވެ.
ޔޫނުސް ވިދާޅުވީ ކުރީގެ މޭޖަރ ޖެނެރަލް ޔޯވް ހަރް-އިވެން އިސްވެ ހުންނަވައިގެން އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ތަހުގީގަށް މިހާދިސާގެ ސީރިއަސްކަން ހާމަނުވާ ކަމަށެވެ. އިސްރާއިލު ސިފައިން އެންމެފަހުން ދިން ހަމަލާއެކު ފަލަސްތީނުގެ 400 އަށްވުރެ ގިނަ ކުއްލި ނުރައްކަލުގެ ޙާލަތާއި، ސިއްހީ ހިދުމަތްތެރިިން ހަނގުރާމައިގައި ޝަހީދުވި އިރުއޭގެ ތެރޭގައި ރެޑް ކްރެސެންޓްގެ 44 މީހުން ހިމެނެއެވެ.
އިސްރާއިލުން ކުރިއަށްގެންދިޔައީ އެކަށީގެންވާ ތަހުގީގެއްގެ ގޮތުގައި ނުދެކޭ ކަމަށާއި، މިނިވަން ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް ޔޫނުސް ވަނީ ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ޣައްޒާ އާއި ހުޅަނގު އައްސޭރި އަދި ގުދުސްގައި ރެޑް ކްރެސެންޓުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ އަސްކަރީ ތަހުގީގަކީ އެ ބޮޑު ޖަރީމާގެ ފުރިހަމަ ޒިންމާއިން ރެކިގަންނަން ކުރާ ކަމެއް ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު ބުނީ މިދިޔަ މަހު ޣައްޒާގައި އިމަޖެންސީ ރެސްޕޮންޑަރުންގެ 15 މީހަކު ޝަހީދުވި މައްސަލަ ރިވިއު ކުރުމުން ޕްރޮފެޝަނަލް ފެއިލިއަރތަކާއި އަމުރާ ހިލާފުވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް އެކަން ސިއްރުކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާ ކައިރީގައި ޕެރަމެޑިކްސް އާއި އިމަޖެންސީ ގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށް ބަޑިޖަހައި ޝަހީދުކޮށްލާފައިވާއިރު އޭގެ ހަފުތާއެއް ފަހުން އދ އާއި ފަލަސްތީނު ރެޑް ކްރެސެންޓްގެ އޮފިޝަލުންނަށް އެ މީހުންގެ ހަށިގަނޑު ފެނިފައިވަނީ ތިލަކޮށް ކޮނެފައިވާ ވަޅުގަނޑެއްގެ ތެރެއިންނެވެ.