ކ. މާލެ
|
21 އޭޕްރިލް 2025 | ހޯމަ 18:47
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވުން
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވުން
އިސްލާމިކް މިނިސްޓްރީ
މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަތުން
މަސްޖިދުއް ނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގަންނަވައިފި
މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދަޢުވަތަކަށް
މި ދަތުރުފުޅުގައި ޑރ. ޞަލާޙުލް ބުދައިރު ވަނީ ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވުމަށް ހަމަޖެހިފަ

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހުގެ މެންދުރު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އިމާމު ޑރ. ޞަލާޙުލް ބުދައިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ.

ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދަޢުވަތުގައި ކުރައްވަވާ ދަތުރުފުޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ

އަދި ވަޒީރު ޝަހީމް އާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި، ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އާއި ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އަދި ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، މިމަހުގެ 23 ވާ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާނީވެސް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުރައިދުކަމަށް މިނިސްތްރީން ވަނީ ބުނެފައެވެ.

އަދި ޢިޝާ ނަމާދަށްފަހު ޚާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ޑރ. ޞަލާޙުލް ބުދައިރުކަމުގައި މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް