އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި 25 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން ބުނެފިއެވެ.
ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނީ އާދީއްތަ ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގެ އެކި ހިސާބުތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް 25 މީހުން ޝަހިދުވެފައިވާ ކަމަށެވެ. އިސްރާއީލުން ޣައްޒާއަށް އަލުން ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދޭން ފެށީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ބުރުގެ މަޝްވަރާތައް ފެއިލްވެ މިމަހުގެ 18 ވަނަ ދުވަހު އެވެ.
މަދަނީ ދިފާއީ އިދާރާގެ ތަރުޖަމާނު މަހްމޫދު ބަސަލް އޭއެފްޕީއަށް ވިދާޅުވީ ފަތިހުން ފެށިގެން އިސްރާއިލުގެ ވައިގެ ހަމަލާތަކުގައި 20 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ކަމަށެވެ.
އޭގެ ފަހުން އެ އެޖެންސީން ނެރުނު އެހެން ބަޔާނެއްގައި ބުނެފައި ވަނީ އިރުމަތީ ރަފަހުގައި އާންމުންގެ ބަޔަކަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަސް މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސްގެ ޑިމާންޑްތަކަށް ބޯނުލަނބާ ހަނގުރާމަ ކުރިއަށް ގެންގޮސް ޣައްޒާގައި ބާކީ ތިބި ރަހީނުން އަނބުރާ ގައުމަށް ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ހަނގުރާމަ ނިމުމަކަށް ގެނެސް ޣައްޒާއިން ސިފައިން ބޭލުމަށް ހަމާސްއިން ގޮވާލި ގޮވާލުންތަކަށް ދެކޮޅުހަދާ ނަތަންޔާހޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިހާރު ތިބީ ކެމްޕެއިންގެ ނާޒުކު މަރުހަލާއެއްގައި ކަމަށާއި، މިދަނޑިވަޅުގައި ކާމިޔާބު ހޯދުމަށް ކެތްތެރިކަމާއި އަޒުމް ބޭނުންވާ ކަމަށެވެ.
އިޒްރޭލުން މިދިޔަ މަހު އަލުން ހަމަލާތައް ދޭން ފެށި ފަހުން ޣައްޒާގައި މިހާތަނަށް 1،827 މީހުން ޝަހިދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
ޣައްޒާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 51،201 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް ސިއްހީ ވުޒާރާއާއި ހަވާލާދީ އދ އިން ބުނެއެވެ. އަދި ހަމަލާތަކުގައި 113،274 މީހުން ޝަހީދުވެފައިވެއެވެ.
ޚާން ޔުނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ތެރޭގައި ހުންނަ ސާޖިކަލް އިމާރާތަށް އިޒްރޭލު ސިފައިން ހަމަލާދީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި 90 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ހަމާސް އާއި އިސްރާއީލާ ދެމެދު ކުރެވުނު އެންމެ ފަހުގެ މަޝްވަރާތަކުގައި، ހުއްޓުމެއް ނެތި ހިނގަމުންދާ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލުމަށް ބަދަލުގައި ރަހީނުންގެ ދެބައިކުޅަ އެއްބައި ދޫކޮށްލުމަށް ހުށަހެޅުނު ނަމަވެސް، ހަމާސްއިން މިކަމަށް އިންކާރުކޮށްފައިވާ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.
އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަފްތާ ބަންދުގައި އެ ގައުމުގެ 40 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލެވިފައިވެއެވެ. އަދި މާރޗް 18ން ފެށިގެން ފުރަތަމަ ފަހަރަށް އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވެފައިވާކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ތެލްއަވީވްގައި ހިނގި އިހްތިޖާޖުތަކުގައި ހާސްތަކެއް މީހުން ބައިވެރިވެ، ހަނގުރާމަ ހުއްޓާލައި ރަހީނުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ. އެގޮތުން ކުރީގެ ރަހީނެއް ކަމުގައިވާ އޮމަރު ޝެމް ޓޮވް ބުނީ "ހުރިހާ ރަހީނުން އެއްފަހަރާ ސަލާމަތްކުރުމަށް، އެކަމަށްޓަކައި ހަނގުރާމަ ހުއްޓާލަން ޖެހުނު ނަމަވެސް، އެކަން ކުރަންވީ" ކަމަށެވެ.