ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 12:31
ދ. ރިނބުދޫގައި އަލަށް ޤާއިމްކުރި ބީއެމްއެލް އޭޓީއެމް ޚިދުމަތް ރައީސް އިފްތިތާހުކޮށްދެއްވަނީ
ދ. ރިނބުދޫގައި އަލަށް ޤާއިމްކުރި ބީއެމްއެލް އޭޓީއެމް ޚިދުމަތް ރައީސް އިފްތިތާހުކޮށްދެއްވަނީ
ރައީސް އޮފީސް
އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު
މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއާއެކު ބީއެމްއެލްއަށް ބޮޑު ގެއްލުމެއް ލިބޭނެ: އަމީރު
100 މިލިއަނެއްހާ ބޮޑު ގެއްލުމެއް ލިބޭނެ
ބޭންކުން ގެންނަ ކުއްލި ބަދަލުތަކާއި، ސިޔާސީވުމަކީ އެކަމުގެ ގެއްލުން ވަރަށް ބޮޑަށް ކުރާނެ ކަމެއް
މި ސަރުކާރުން ދަނީ ރާއްޖޭގެ ސްޓްރެޓެޖިކް ބޮޑެތި ކުންފުނިތައް ސިޔާސީކޮށް ނުފޫޒު ފޯރުވަމުން

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއުގެ ދަށުން ވަރަށް ބޮޑު ގެއްލުމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ''ޓީވީޓޯކް ޕްރޮގްރާމް''ގައި އަމީރު ވިދާޅުވީ މިސަރުކާރުން ބީއެމްއެލް މެދުވެރިކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މެގަ މަޝްރޫއެއް ފަށާފައިވާ ކަމަށާއި، އެމަޝްރޫއު ކުރިއަށް ގެންދާ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ބީއެމްއެލްއަށް ލިބޭނެ ކަމަށެވެ. އަދި 100 މިލިއަނެއްހާ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ފަސޭހައިން ފައިސާ ލިބި، ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭން ބޭނުންވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ބޭންކުން ގެންނަ ކުއްލި ބަދަލުތަކާއި، ސިޔާސީވުމަކީ އެކަމުގެ ގެއްލުން ވަރަށް ބޮޑަށްކުރާނެ ކަމެއް ކަމަށެވެ.

އަމީރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި 500ށް ވުރެ އާބާދީ ގިނަ ރަށްތަކުގައި އޭޓީއެމް ބެހެއްޓުމަށް ބީއެމްއެލްގެ ބޯޑު މެންބަރުނާއެކު މަޝްވަރާ ކުރެއްވި ކަމަށާއި، ނަމަވެސް ހުރިހާ ބޭފުޅުން އެކަމަށް ދެކޮޅު ހެއްދެވި ކަމަށެވެ. އަމީރު ވިދާޅުވީ އެގޮތަށް އެކަން ކޮށްފިނަމަ ގެއްލުންވާނެކަން ބޯޑު މެންބަރުން ފާހަގަކުރެއްވި ކަމަށާއި، އަދި މިހާރު ބޮޑަށް މަސައްކަތް ކުރަނީ ޑިޖިޓަލައިޒް ކުރަން ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. ދުނިޔެދަނީ ޑިޖިޓަލައިޒޭޝަންއާ ދިމާލަށް ކަމަށާއި، ނަމަވެސް ދިވެހި ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރަށް އޭޓީއެމް ބޭނުންވާތީ އެ ޚިދުމަތް ދޭން ބޭނުންވި ކަމަށް އަމީރު ވިދާޅުވިއެވެ.

އެގޮތުން ކުރީ ސަރުކާރުގައި އޭޓީއެމް ބަހައްޓަމުން ދިޔައީ ބީއެމްއެލްއަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށް އަމީރު ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުގައި ބީއެމްއެލްގެ ބޯޑު މެންބަރުންގެ ހިޔާލު ކުއްލިއަކަށް ބަދަލުވެގެން ދިޔުމުން ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެގޮތަށް ބޭންކް އޮފް މޯލްޑިވްސްއިން އޭޓީއެމް ބަހައްޓަންޏާ ޔަގީން އެކަމާ އެއްކޮށް ގެއްލުންވާނެ 100 މިލިއަނެއްހާ ބޭންކް އޮފް މޯލްޑިވްސްއަށް ގެއްލުންވާނެ އޭޓީއެމްސްތަކާ ހެދި. އޭރު އަޅުގަނޑުމެން އެ ގެއްލުން ކޮންމެވެސް ވަރަކަށް ފޫބައްދަން އަޅުގަނޑުމެން އިންނާނެ އެޑިވިޑެޑް ސެޓްއޮފް މެކޭނިޒަމެއް ހަދާފައި. މިހާރު އެމީހުން އެ ގެންދަވަނީ އެއަށްވުރެ ބޮޑުކޮށް އެނގޭތޯ. މިހާރު މިސާލަކަށް އޭޓީއެމްތަކަށް ފައިސާ ގެންދިއުމާއި، އޭޓީއެމްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، މިކަންތައްތަކާ ހެދި ބޭންކް އޮފް މޯލްޑިވްސް އެބޭފުޅުން ކިތަން ރައްޔިތުންހޭ ބޭނުންވާނީ އަޅުގަނޑުމެން އެންމެންނަކީ ޝެއަރ ހޯލްޑަރސް ބޭނުންހޭ ހުރިހާ ރަށެއްގައި އެގޮތަށް ބަހައްޓަން އެނގޭތޯ. އަޅުގަނޑުމެން ބޭނުން ހުރިހާ އެންމެންނަށް ވެސް ފައިސާ ރަނގަޅަށް ލިބި ހުރިހާ ރައްޔިތުންނަށް ވެސް އޭގެ އެކްސަސިބިލިޓީ އޮންނަން. އެކަމާ އަޅުގަނޑު ދެކޮޅު ހަދަނީއެއް ނޫން.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ރާއްޖޭގެ އެއްވެސް ސަރުކާރަކުން ނުކުރާ ޒާތުގެ ކަންކަން ރައީސް މުއިއްޒުގެ ސަރުކާރުން ކުރާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ ސްޓްރެޓެޖިކް ބޮޑެތި ކުންފުނިތައް ސިޔާސީކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ބީއެމްއެލްގެ އިތުރުން ސެންޓަރަލް ބޭންކް ވެސް ސިޔާސީ ކޮށްފައިވާ ކަމަށާއި، އެމްއޭސީއެލް، ދިރާގު ފަދަ ކުންފުނިތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. ނަމަވެސް މި ކުންފުނިތަކުގެ ބޯޑު މެންބަރުން މިނިވަންކަމާއެކު ހިޔާލު ހުށަހަޅަންޖެހޭ ކަމަށާއި، އެހެން ނޫން ކަމަށްވާނަމަ ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް