ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 12:28
އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު - 19.04.25
އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު - 19.04.25
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު
ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް، ޖެހޭނީ އިޖުތިމާއީ ބަލިތައް: ރައީސް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފަ
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ވަރުގަދަ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް
ތައުލީމް އުނގެނުމަކީ އަމިއްލަ ނަފްސަށް ފަރުދީ ގޮތުން ވެސް ޒިންމާތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި

ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް ކަމަށާއި އެކަމުގެ ސަބަބުން މުޖުތަމައު އަށް އިޖުތިމާއީ ބަލިތައް ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ތައުލީމް ހާސިލްކޮށް އޭގެ ނަތީޖާ ލިބޭ އިރު، ޢިލްމު އުނގެނިގެން ނުކުތުމުން އެ ދަރިވަރުންގެ ޒިންމާ އަކީ ކޮބައިތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ. އެކި ދާއިރާތަކުން އިލްމު ހާސިލްކުރުމަކީ ބޮލުގައި ވަރަށް ބޮޑު ޒިންމާ އެއް އެޅޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ހަޔާތް ބައްޓަން ކުރުމަކީ އިލްމު ހާސިލްކުރުމުގެ އެންމެ ބޮޑު ބޭނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ތައުލީމް އުނގެނުމަކީ އަމިއްލަ ނަފްސަށް ފަރުދީ ގޮތުން ވެސް ޒިންމާތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން މަތީ ހަރުފަތްތަކަށް ދިއުމަށް ތައުލީމް ހާސިލްކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ޢިލްމު އުނގެނުމަށް ފަހު ދަރިންނާއި މުޖުތަމައު އަށް އެ އިލްމުގެ ބޭނުން ކުރުމަކީ ތިމާގެ ޒިންމާ އެއް ކަަމަށް އިލްމު ލިބިފައިވާ މީހާ ދެކެން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދިވެހި މުޖުތަމަޢުގައި ހުރި އެކި ކަހަލަ ނޭދެވޭ އިޖުތިމާޢީ ބަލިތަކުން މުޖުތަމަޢު ސަލާމަތް ކުރުމަކީ، ކޮންމެ ދާއިރާއަކުން ކަމުގައި ވީ ނަމަވެސް، ޢިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރިވެތި އަޚުލާޤުން ޖަރީވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ، މި ކުޑަކުޑަ ދިވެހި މުޖުތަމަޢު އިޞްލާޙުކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ޤައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތް ނަމަ ޤައުމުގެ ކަންކަން އިޞްލާޙު ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ސައްތަ އިންސައްތަ އިސްލާމީ ޤައުމެއްގައި، އިސްލާމީ ރިވެތި އަޚުލާޤު އަށަގެންނެވުމަށް މަސައްކަތް ކުރުމަކީ ވެސް އިލްމު ލިބިފައިވާ މީހުންގެ ޒިންމާ އެއް ކަމަށެވެ.

ޤައުމަށް ދިމާވެފައިވާ މައްސަލަތައް، ޙައްލުކުރުމުގެ ޚިޔާލާއި ފިކުރު އިލްމު އުނގެނިގެން ތިބި މީހުންގެ ކިބައިގައި ނެތް ނަމަ ޤައުމުގެ ކަންކަން އިޞްލާޙުނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މައިންބަފައިންގެ ޢަޒުމަކަށް ވާންވީ ދަރީންނަށް ލިބުނު ކާމިޔާބީއާއެކު އެ މަގު ދައްކައިދިނުން ކަމަށާއި، ތަޢުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ވަރުގަދަ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖާގައާއި ވަޞީލަތުގެ ގޮތުން ޔުނިވަރސިޓީއަށް ބޭނުންވާ ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސަނަދު ޙާޞިލުކުރި ބައެއް ދަސްވެނީންނާއި، މަތީ ވަނަތައް ޙާޞިލުކުރި ދަސްވެނީންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

- ކޮމެންޓް