އެމެރިކާ އިން ޔަމަނުގެ ހުދައިދާ ސަރަހައްދުގެ ރަސް އީސާ ތެޔޮ ބަނދަރަށް ދިން ހަމަލާއެއްގައި މަދުވެގެން 74 މީހުން މަރުވެ، 126 މީހުން ޒަޚަމްވެއްޖެއެވެ.
ޔަމަނުގެ އަލް މަސީރާ ޓީވީން ބުނިގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ އެ ބަނދަރަށް މަދުވެގެން ދެ ފަހަރު ޙަމަލާ ދީފައިވެއެވެ. ފުރަތަމަ ހަމަލާއާގުޅިގެން، އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އޮފިޝަލުން ހަރަކާތްތެރި ވަމުން ދަނިިކޮށް ދެވުނު ދެވަނަ ހަމަލާގައި މަދުވެގެން 5 ޕެރަމެޑިކުން ވަނީ މަރުވެފައެވެ.
ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، މިއީ އިސްރާއީލްގެ ޣައްޒާގެ އުދުވާނަށް އެހީތެރިވުމަށް ދެވުނު ހަމަލާއެއް ކަމަށް ބުނެފައިވެއެވެ. އަދި މިއީ މަދަނީ އަމާޒުތަކަށް ޤަސްދުގައި ދެވުނު ހަމަލާއެއްކަން ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވަނީ މި ބަނދަރަކީ އަންސާރުﷲ ރެސިސްޓަންސް މޫވްމަންޓަށް ތެޔޮ ލިބޭ މަރުކަޒެއް ކަމަށެވެ.
އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ހަވާލުވުމާއެކު ޔަމަނަށް އެމެރިކާ އިން ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
އެމެރިކާ އިން ބުނަނީ އެ ހަމަލާތަކަކީ އެ ސަރަހައްދުން ދަތުރުކުރާ ކަނޑުބޯޓު ފަހަރަށް ޔަމަނުން ހަމަލާ ދެމުން ގެންދާތީ ދޭ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް ޔަމަނުން ބުނެފައިވަނީ އެ ޤައުމުން އަމާޒުކުރަނީ ހަމައެކަނި އިސްރާއީލްގެ އުޅަނދުފަހަރާއި އެ ޤައުމަށް ތަކެތި ގެންދާ އުޅަނދުފަހަރަށް ކަމަށެވެ.
ޔަމަނުގެ ހަތިޔާރުވެރި ބާރުތަކުން މި އޮޕަރޭޝަންތައް ފެށީ 2023 ގެ އޮކްޓޯބަރުގައި އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ރަހުމު ކުޑަ ހަނގުރާމައިގައި މިހާތަނަށް 51،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ޔަމަނުގެ ސަރުކާރުން ވަނީ ވޭންދެނިވި ބަދަލެއް ހިފާނެ ކަމަށް ބުނެ އެމެރިކާ އަށް އިންޒާރު ދީފައެވެ. އަދި އެމެރިކާއަށް އާޚިރުގައި ކުރިމަތިލާން ޖެހޭނީ ނިކަމެތި ކަމާއެކު ބަލިވުމަށް ކަމަށްވެސް ބުނެފައިވެއެވެ.