ކ. މާލެ
|
18 އޭޕްރިލް 2025 | ހުކުރު 15:34
މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ
މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ
އައިޔޫއެމް
ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލަ
އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް
ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ޑރ. އިބްރާހީމް ސަމީރުގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަގާމުގައި އޭރު ހުންނެވި އަލީ ރަޝީދުގެ މައްޗަށް
އެ މަގާމަށް ހޮވާފައިވާ މީހަކީ އިއުލާނުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ މީހެއް ނޫން
އެމީހާއަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަގާމަށް މީހަކު އައްޔަނުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހައްގުނޫން ފަރާތަކަށް ވަޒީފާ ދީފައިވާ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވައިފި އެވެ.

ބުރާސްފަތި ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ އައިޔޫއެމްގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަގާމަށް މީހަކު އައްޔަނުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހައްގުނޫން ފަރާތަކަށް ވަޒީފާ ދީފައިވާ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި 15 އެޕްރީލް 2025 ގައި ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، އައިޔޫއެމްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑިރެކްޓަރގެ މަގާމުގައި އޭރު ހުންނެވި، ޑޮކްޓަރ އިބްރާހީމް ސަމީރު، (ނަރުގިސްވިލާ / ތ.ތިމަރަފުށި) އާއި، ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަގާމުގައި އޭރު ހުންނެވި އަލީ ރަޝީދު (ގުލްބަކާގެ / ބ.އޭދަފުށި) ގެ މައްޗަށް ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ޔުނިވަރސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަގާމަށް މީހަކު ހޯދުމަށް 05 ނޮވެންބަރު 2017 ގައި ކޮށްފައިވާ އިއުލާނަކާ ގުޅިގެން، ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން، އެ މަގާމަށް ހޮވާފައިވާ މީހަކީ އިއުލާނުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ މީހެއް ނޫން ކަމަށެވެ. އަދި އެ އިއުލާނުގައި ބަޔާންކޮށްފައިވާ އެ މަގާމަށް ޝަރުތު ހަމަވާ ތައުލީމީ ސެޓްފިކެޓެއް އަދި ޝަރުތު ހަމަވާ ތަޖުރިބާގެ ލިޔުމެއްވެސް، އެމީހާ ހުށަހަޅާފައި ނުވާ ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން އޭސީސީން ބުނީ އެ އިއުލާނާ ގުޅިގެން ތައްޔާރު ކޮށްފައިވާ R2 ޝީޓްގައި ޕޮއިންޓް ދީފައިވަނީ އައިޔޫއެމްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލާ ޚިލާފަށް ކަމަށާއި، އިންޓަރވިއުގައި އެމީހާއަށް ގިނައިން ޕޮއިންޓްދީ، އެމީހާއަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން، ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެއެވެ.

- ކޮމެންޓް