މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި 4000 ފްލެޓް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން 3،119 ބާކީކޮށް މި ސަރުކާރުން ނެރުނު ފްލެޓް ލިސްޓަށް ހުށަހެޅި ޝަކުވާގެ ތެރެއިން ހުރިހާ ޝަކުވާ އެއް ބަލައި ނުގަންނާނެކަން ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ޝަކުވާ ހުށައެޅުމުގެ މުއްދަތު ފުރަތަމަ ހުޅުވާލީ މަރިޗުމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށެވެ. ފަހުން އިތުރު 15 ދުވަސް އިތުރުކޮށްދީ، މި މުއްދަތު އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރި އެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ލިބުނު ފުރުސަތުގައި، ލިސްޓަށް 8000 އަށް ވުރެ ގިނަ ޝަކުވާ ވަނީ ހުށަހަޅާފައެވެ.
17 އޭޕްރިލް 2025 ވީ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން އާއްމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އީމެއިލް އާއި ސިޓީ މެދުވެރިކޮށް ހުށަހެޅި ޝަކުވާގެ ތެރެއިން ބަލާނީ ހަމައެކަނި ލިސްޓުގައިވާ ފަރާތަކާއި ގުޅިގެން ތިންވަނަ ފަރާތުން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ އިދާރާ އަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި، 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކާއި، އަދި އާއްމުކޮށް ހުޅުވާލި ފުރުޞަތުގައި އީމެލް މެދުވެރިކޮށް ހުށާހެޅި ޝަކުވާތަކއި، ސިޓީގެ ޒަރިއްޔާއިން އާއްމުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނޭކަމަށެވެ.
އުސޫލު ނަންބަރު 20-ޖީ/ 2022 (ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު) ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓްއާއި ގުޅޭ ނޫސްބަޔާން pic.twitter.com/qrcd7F8yJU
— Ministry of Construction, Housing & Infrastructure (@MoCImv) April 17, 2025
އެ އިއުލާންގައި ބުނެފައި ވަނީ ޕޯޓަލް މެދުވެރިކޮށް ޖުމްލަ 4625 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ. ހަމައެވެ ސިޓީ މެދުވެރިކޮށް 526 ޝަކުވާ ލިބިފައިވާކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
މިފަހަރު ފުރުޞަތު ހުޅުވާލިއިރު، އިތުރު ލިޔެކިޔުންތައް ހިމެނުމުގެ ފުރުޞަތު ދީފައި ނުވާތީ އާއްމުން ވަނީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.
މި ސްކީމްގެ އުސޫލުގައިވާގޮތަށް، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022 އަށް، އެކަމާ ގުޅޭ ތަފްސީލް ޝަކުވާގައި ހިމަނަންޖެހޭނެއެވެ. ނަމަވެސް ފަހުން ގެނައި ބަދަލުގައި ވަނީ ޙާއްސަ ޙާލަތެއް މެދުވެރިވެގެން 1 އަހަރުގެ މެދުކެނޑުމެއް އައިނަމަވެސް، އެކަން ބަލައިގަތުމަށް ނިންމާފަ އެވެ.
ފްލެޓް ލިސްޓު ފެބްރުއަރީ 27، ގައި އިއުލާން ކުރުމަށްފަހު، އެއް މަސް ދުވަސް ތެރޭގައި ޝަކުވާ ހުށަހަޅަން ހުޅުވާލީ މާޗު 1، ގަ އެވެ. ނަމަވެސް ފަހުން އޭޕްރީލް 15، ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރި އެވެ.
ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުންނެވެ.
ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި ލިސްޓަރު ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ގިނަ މީހުން އުނިކޮށް އާ ލިސްޓެއް މި ސަރުކާރުން ހެދުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ދަނީ އަޑުއުފުލަމުންނެވެ.