ކ. މާލެ
|
17 އޭޕްރިލް 2025 | ބުރާސްފަތި 19:10
ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އަދި މަރިޔަމް ޒުބައިރު
ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އަދި މަރިޔަމް ޒުބައިރު
ރާއްޖެއެމްވީ
އޮމްބަޑްސްޕަރސަން
ސާޖިދާ ކުޑަކުއްޖެއްގެ ކާރާމާތް ނަގާލާފައިވާތީ، އެމައްސަލަ ބަލައިދިނުމަށް މަންދީ އެދިއްޖެ
މިއީ ނުބަލާ ދޫކޮށްލެވޭ ވަރަށްވުރެ ހައްސާސް މައްސަލައެއްގެ ގޮތުގައި ދެކޭ ކަމަށް މަންދީ ބުނި

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު، އަމިއްލަ ޕްރޮމޯޝަނަށްޓަކައި ނުކުމެ، ކުޑަކުއްޖެއްގެ ޙައްޤުތަކަށް އަރައިގަނެ، އެ ކުއްޖާގެ ޒާތީ މަޢުލޫމާތު ހާމަކޮށްފައިވާތީ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި މޯލްޑިއަވިއަން ޑިމޮކްރަޓިކް ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އޮމްބަޑްސްޕަރސަންއަށް ސިޓީއެއް ފޮނުއްވައިފި އެވެ.

އޮމްބަޑްސްޕަރސަން ނިއުމަތު ޝަފީގުއަށް 17 އެޕްރިލް 2025 ގައި ފޮނުއްވި މިސިޓީގައި މަންދީ ބުނެފައިވަނީ އެ ކުއްޖާގެ ޒާތީ މަޢުލޫމާތު ހާމަކޮށް، ގޭތެރޭގައި ކުއްޖާ ކޮށްފައިވާ ނުކިއްސަރު ކަންކަން މީޑިއާގައި ހާމަކޮށް، އެ ކުއްޖާގެ ޢިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭގޮތަކަށް ޢަމަލުކޮށްފައިވާތީ، މައެއްގެ ޒިންމާ އަދާކުރުމުގައި ނާކާމިޔާބުވެފައިވާކަމަށާއި މެޑަމް ސާޖިދާ މުޙައްމަދުގެ ޢަމަލުތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމުގައިވާތީ، މި މައްސަލަ ވީ އެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅުއްވައި، ފުރިހަމައަށް ތަޙުޤީޤުކޮށްދެއްވުމަށް އެދޭ ކަމަށެވެ.

މިއިންޓަވިއުގަ ފާހަގަވި ބައެއް ކަންކަމުފެ ތެރޭގައި ވަގުތު ނުދެވިގެން ދަރިފުޅުގެ ބިހޭވިއަރ އަށް ބަދަލު އައިވާހަކަ މެޑަމް ސާޖިދާ އަމިއްލަ އަށް އިއުތިރާފްވުމާއި، ދަރިފުޅު ކަމަކާއި ހިތްހަމަ ނުޖެހުމުން ކުރި ކަމެއް އާއްމު ކުރުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށް މަންދީ ބުނެފައިވެ އެވެ.

އެހެންކަމުން މިއީ ނުބަލާ ދޫކޮށްލެވޭ ވަރަށްވުރެ ހައްސާސް މައްސަލައެއްގެ ގޮތުގައި ދެކޭ ކަމަށާއި އެހެންކަމުން މިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ މައްސަލަ ފުންކޮށް ދިރާސާކުރައްވައި، އެކަށީގެންވާ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލު އާއި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ބުދަ ދުވަހު ވަނީ ދައުވާ އުފުލާފައެވެ. ރައީސްގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާގެ ފަރާތްޕުޅުން އެ ދައުވާ އުފުލާފައިވަނީ ރެހެންދި ޗެމްބާސް އިންނެވެ.

އެ ލޯ ފާމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެމްޑީޕީ އިން މާރޗް މަހުގެ ތެރޭގައި މާލޭގައި ބާއްވަމުން ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، އެ ޕާޓީގެ އެކްޓިވިސްޓެއްކަމުގައިވާ މަރިޔަމް ޒުބައިރު (މަންދި) ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު އަށް ނިސްބަތްކޮށް ދައްކާވާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ހާލަތެއް މެދުވެރިކުރުވައި، އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

ފައްޔާޒް، މަންދީ އަދި އެމްޑީޕީއަށް ދައުވާ ކުރުމަށް، ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގަނެފައިވާތީ ސިވިލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

- ކޮމެންޓް