ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓުތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 25 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގައި މީހުން ސަލާމަތްކުރާ ފަރާތްތަކުން ބުނެފިއެވެ.
ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އެ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެތައް ބަޔަކު ވަގުތީ ބޯހިޔާވަހިކަން ހޯދަމުން ދިޔަ މީހުންގެ ތެރެއިން، ޖުމްލަ 25 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
އެ އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ ދެކުނުގެ ޚާން ޔުނިސްގެ އަލްމަވާސީ ސަރަހައްދުގެ ބައެއް ޓެންޓުތަކަށް ރޭގަނޑު ދިން ހަމަލާގައި 16 މީހުން ޝަހީދުވި ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 23 މީހުން މި ހަމަލާގައި ޒަހަމްވެފައިވެއެވެ.
ޣައްޒާގެ މަދަނީ ދިފާއީ އިދާރާގެ ތަރުޖަމާނު މުހައްމަދު ބަސަލް ވިދާޅުވި ގޮތުގައި ގެދޮރު ގެއްލިފައިވާ މީހުންގެ އެހެނިހެން ކޭމްޕްތަކަށް އިތުރު ދެ ހަމަލާއެއް ދީ، އަށް މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވި އެވެ.
އުތުރުގެ އަވަށެއް ކަމަށްވާ ބެއިތް ލަހިއާގެ ޓެންޓުތަކަށް ދިން ހަމަލާއެއްގައި ހަތް މީހުން މަރުވެފައިވާ އިރު، އަލްމަވާސީ ސަރަހައްދު ކައިރީގައި ދިން އިތުރު ހަމަލާއެއްގައި ޓެންޓެއްގައި ދިރިއުޅެމުން ދިޔަ ބައްޕައަކާއި އޭނާގެ ދަރިފުޅު ޝަހީދުވެފައިވާ ކަމަށް ބަސަލް ވިދާޅުވި އެވެ.