ކ. މާލެ
|
17 އޭޕްރިލް 2025 | ބުރާސްފަތި 13:56
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވުން
ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ
މި މައްސަލަ އެޗްއާރްސީއެމް އަދި ފުލުހުން ދަނީ ތަހުގީގު ކުރަމުން
އެކުއްޖާގެ ހަށިގަނޑުގެ 17 ޕަސެންޓް ފިހިފައި
މައުލޫމާތު ސާފުކުރުމަށްފަހު، ޖަވާބެއް ދެއްވާނެ ކަމަށް މަކުނުދޫ ސިއްހީ މަރުކަޒުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވޭ

ހދ. މަކުނުދޫގައި ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ، މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މަކުނުދޫގައި ފިހިފައިވަނީ އާޝް މުހައްމަދު އިނާޒް ނަމަކަށް ކިޔާ ތުއްތު ކުއްޖެކެވެ. މިމަހުގެ 15 ވީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތު މިހާދިސާ ހިނގި ނަމަވެސް އެރަށުގެ ސިއްހީ މަރުކަޒުން އެކުއްޖާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

ރާއްޖެއެމްވީއަށް ހެލްތް މިނިސްޓްރީން ބުނީ، ބުރާސްފަތި ދުވަހު ހެނދުނު 10:00އާ ހަމައަށް އެ މައްސަލަ އާއިލާގެ ފަރާތުން އެމައްސަލަ ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް މިފަދަ މައްސަލައެއް ސަމާލުކަމަށް އައުމުން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

އާއިލާއިން ބުނީ މި މައްސަލަ އެޗްއާރްސީއެމް އަދި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ތަހުގީގު ކުރަމުންދާ ކަމަށް އަންގާފައިވާ ކަމަށެވެ.

އެކުއްޖާއަށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް ކުޑަކުދިންގެ ވޯޑުގައެވެ. އެކުއްޖާގެ ހަށިގަނޑުގެ 17 ޕަސެންޓް ފިހިފައިވާއިރު، ފަރުވާ ލަސްވެ، ބެންޑޭޖު އެޅުމުގެ ސަބަބުން ފާރުގަނޑު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި އިތުރު ފަރުވާއެއް ދެވޭނީ 4 ދުވަސް ފަހުން ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް އާއިލާއިން ބުނެއެވެ. މިހާރު އޮބްޒަވޭޝަންގައި ކުއްޖާ އޮތްއިރުގައި ހަށިގަނޑުގެ އެހެންތަނަކުން ހަން ނަގައިގެން ހަން ޖައްސަން ޖެހިދާނެ ކަަމަށް ވެސް އާއިލާއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން މަކުނުދޫ ސިއްހީ މަރުކަޒުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައުލޫމާތު ސާފުކުރުމަށްފަހު، ޖަވާބެއް ދެއްވާނެ ކަމަށެވެ.

- ކޮމެންޓް