ކ. މާލެ
|
16 އޭޕްރިލް 2025 | ބުދަ 18:57
ޣައްޒާގެ ޝުޖާޔާ އަށް ދިން ހަމަލާއެއްގައި އިމާރާތްތަކުގެ ދަށުގައި ތާށިވި މީހުން ސަލާމަތްކުރަނީ - ފައިލް
ޣައްޒާގެ ޝުޖާޔާ އަށް ދިން ހަމަލާއެއްގައި އިމާރާތްތަކުގެ ދަށުގައި ތާށިވި މީހުން ސަލާމަތްކުރަނީ - ފައިލް
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ޣައްޒާއަށް ފަތިހު ދިން ހަމަލާތަކުގައި 11 މީހަކު ޝަހީދުކޮށްލައިފި
ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ ޣައްޒާ ސިޓީއަށް ފަތިހުގެ ކުރިން ދިން ވައިގެ ހަމަލާއެއްގައި ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 10 މީހުން ޝަހީދުވެފައިވާ ކަމަށް

ބުދަ ދުވަހުގެ ފަތިހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް 11 މީހުން ޝަހީދު ކޮށްލައިފި އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ބުރުގެ މަޝްވަރާތައް ފެއިލްވެ، އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ވައިގެ މަގުންނާއި އެއްގަމު މަގުން އަލުން ހަމަލާދޭން ފެށީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ނެވެ.

ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ ޣައްޒާ ސިޓީއަށް ފަތިހުގެ ކުރިން ދިން ވައިގެ ހަމަލާއެއްގައި ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 10 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހަމަލާ އަމާޒުކޮށްފައި ވަނީ ޣައްޒާ ސިޓީގެ އަލް ޓުފާ އަވަށުގައި ހުންނަ ހަސޫނާ އާއިލާއަށް ނިސްބަތްވާ ގެއަށް ކަމަށެވެ. އަދި ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެގެން އަލް-ޝިފާ ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފައެވެ.

އެހެން ހަމަލާއެއްގައި ދެކުނުގެ ޚާން ޔުނިސް ސިޓީގައި ކުޑަ ކުއްޖަކު ޝަހީދުވެފައިވާ ކަމަށް ރެސްކިއު ޓީމުތަކުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް އިސްރާއީލުގެ އިސް އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ހަމާސް ޖަމާއަތުން ޣައްޒާގައި އަދިވެސް ހައްޔަރުކޮށްފައި ތިބި މީހުން މިނިވަންކުރުމަށް އޮތް ހަމައެކަނި ގޮތަކީ އަސްކަރީ ޕްރެޝަރު ކަމަށެވެ.

ބުދަ ދުވަހު ޑިފެންސް މިނިސްޓަރު އިސްރާއީލު ކާޓްޒް ވަނީ ޣައްޒާގައި ހަމާސްގެ މެންބަރުންނާއި އިންފްރާސްޓްރަކްޗާއަށް އިޒްރޭލުން ކެނޑިނޭޅި ހަމަލާދެމުން ގެންދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ހަމާސް އިން ރަހީނުން ދޫކޮށްލަން ދެކޮޅު ހަދައިފި ނަމަ، އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެ، ކުރިއަށް އޮތް މަރުހަލާއަށް ދާނެ ކަމަށް ކަޓްޒް ވިދާޅުވި އިރު، ކުރިއަށް އޮތް މަރުހަލާއަކީ ކޮބައިކަން އޭނާގެ ބަޔާނުގައި ހާމަކޮށްފައި ނުވެއެވެ.

މީގެ އިތުރުން މިދިޔަ ބުދަ ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ 2014 ވަނަ އަހަރު ދިން ހަމަލާގައި ބައިވެރިވި ހަނގުރާމަވެރިއަކު ދާދި ފަހުން މަރާލާފައިވާކަން ހާމަކޮށްފައެވެ. މަހްމޫދު އިބްރާހިމް އަބޫ ހިސީރާއަކީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޓަނަލަކުން އިސްރާއީލަށް ވަދެ ފަސް ސިފައިން މަރާލި ހަނގުރާމަވެރިންގެ ގުރޫޕުގައި ހިމެނޭ މީހެއް ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

ފާއިތުވި އަހަރުތަކުގައި އޭނާ ވަނީ ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ އިސް ހަނގުރާމަވެރިއެއް ކަމަށްވާ އެޒެދީން އަލް ކަސާމް ބްރިގޭޑްސްގެ އިސް ހަނގުރާމަވެރިއެއް ކަމަށްވާ އެޒެދީން ހައްދާދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

މިދިޔަ މާޗް މަހުގެ މެދުތެރޭގައި އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް 1،630 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ޣައްޒާގައި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ޙަމަލާއާއި ގުޅިގެންނެވެ. އޭގެ ފަހުން އިސްރާއީލުން ދިން އަސްކަރީ ހަމަލާތަކުގައި ޣައްޒާގައި 51،000 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

- ކޮމެންޓް