ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ފާހަގަކުރެވިފަައިވާ އިރު މި ސްކޭމްތަކުގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި، އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށް ފުލުހުން ބުނެއެވެ.
ފިޝިންގ މެސެޖްތަކާއި އީމެއިލްތައް: މިއީ ޓެމޫ ނުވަތަ ކޫރިއަރ ސަރވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެވެ. މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެވެ.
ކްރެޑިޓް ކާޑު ސްކޭމްތައް: މިފަދަ ސްކޭމްތަކުގައި، ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިންގ އީމެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދައެވެ.
2-ޑީ ކާޑު ސްކޭމްތައް: 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވެއެވެ. ބޭނުންކުރާ ފަރާތްތަކުން ނޭނގި ފިޝިންގ ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވެއެވެ.
އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.