ފ. މަގޫދޫ އެއަރޕޯޓުގެ މައްސަލައިގައި ދައުލަތުން ކަންކަން ކުރަނީ ވަރަށް ލަދުހަޔާތްކުޑަކޮށް ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާތިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާހާ ގޮތަކަށް ހަރަދުކުރަން އޮންނަ ބަޖެޓެއް ކަމަށް އެމަނިކުފާނަށް ހީފުޅުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ދައުލަތުގެ ފައިސާ ކަމަށާއި، އެ ފައިސާ އަކީ ރައީސުލްޖުމްހުރިއްޔާ ބޭނުންހާ ގޮތަކަށް ހަރަދުކުރަން އޮންނަ ފައިސާއެއް ނޫން ކަމަށެވެ.
ޝާތިރު ވިދާޅުވީ ނިލަންދޫގައި އެއަރޕޯޓެއް އެޅުމަކުން މައްސަލައެއް ނެތް ކަމަށާއި، ދިމާވެގެން އުޅޭ މައްސަލައަކީ ނިލަންދޫ ދާއިރާއަށް ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އިންތިހާބުވާން ވެގެން ކުރި މަސައްކަތެއްގެ ގޮތުގައި އެކަން ކޮށްފައިވާ ކަމަށާއި، އެއީ ސައުދާގެ މައިގަނޑު ވައުދުވެސް ކަމަށެވެ. އަދި އެކަން އެރަށުގައި ކުރުމަކުން ވެސް މައްސަލައެއް ނެތްކަމަށާއި، ސައުދާގެ ބޭބެ، ރައީސްކަމުގައި ހުންނަވައިގެން އެކަންވެސް ކުރައްވަންވީ ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ ފައިސާއިން އެތައް މިލިއަނެއް ހަރަދުކޮށް، 90 އިންސައްތަ މަސައްކަތް ނިމިފައި އޮތް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓާލާ، އެތަނުގައި ހުރި ސާމާނު އެތަނުން ބާލާއިގެން ގެންގޮސް، ސަރުކާރުގެ ޕްރޮޖެކްޓް ލިސްޓުންވެސް އެ މަސައްކަތް އުނުކުރުމަކީ ހަމަބުއްދިން ވިސްނާލާއިރު ކުރަން ހެޔޮވަރުގެ ކަމެއް ނޫން ކަމަށް ޝާތިރު ވިދާޅުވި އެވެ.
މިއީ އެއްކަލަ ގޭގައި ދަރިފުޅު ކުޅެން ގެންގުޅޭ އެތި އެހެން ކުއްޖަކު ދޭށޭ ބުނުމުން ނުދީ ހިފަހައްޓާލާ ކަހަލަ ކަމެއް މިއީ. މަގޫދޫގައި މަސައްކަތް ފަށާ، ދައުލަތުގެ ބަޖެޓުން މިލިއަނުން ހޭދަކޮށް 90 އިންސައްތަ ނިމިފައި އޮތް އެއަރޕޯޓެއް އޮއްވާ، ކައިރީގައި އެހެން އެއަރޕޯޓެއް އަޅަންޏާ އަޅާށޭ. އަނެއްކާ އެ ދެރަށް ދޭތެރޭގައި އޮންނާނެ ދަރަނބޫދޫ ކިޔާ ރަށެއް. އެރަށުގައިވެސް އަޅާށޭ އެއަރޕޯޓެއް. ނަމަވެސް މަގޫދޫ އެއަރޕޯޓް ހުއްޓާލައިގެން ނުވާނެ. މަގޫދޫ އެއަރޕޯޓް އެހާ ހިސާބަށް ގެންގޮސްފައި ދައުލަތުގެ ހުރިހާ ފައިސާ ބޭކާރު ކޮށްލާކަށް ނުޖެހޭ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން![]()
މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލާ ވަގަށް ސާމާނު ބާލާތީ ރައްޔިތުން ވަނީ އިހިތިޖާޖުވެސް ކޮށްފައެވެ. ރައްޔިތުން އިހުތިޖާޖަށް ނުކުތީ ކައުންސިލަށާއި، އެމްޓީސީސީގެ މަގުދޫ ސައިޓުގައި ތިބި މުވައްޒަފުންނާއި ރައްޔިތުންނަށް ވެސް ވާނުވާ ނާންގާ، އެއަރޕޯޓު ހަދަން ގެނެސްފައިވާ ސާމާނު ރަށުން ބާލައިގެން ގެންދާތީ އެވެ.
މި ތަކެތި ގެންދަނީ ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ކުރަން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު އެމްޓީސީސީއިންވެސް މިކަމުގައި ކައުންސިލަށް ޖަވާބުދާރީ ނުވެއެވެ.
އެއަރޕޯޓުގެ ބޮޑެތި މަސައްކަތް ނިމިފައިވާ އިރު ތާރު އަޅަން، އޭބީސީ ފަށަލަ ނިންމާފައިވެއެވެ. މީގެ އިތުރުން ޓާމިނަލް ހިޔާކުރުމުގެ މަސައްކަތް ނިންމާ ފަޔަރ ބިލްޑިންގެ މަސައްކަތް ވެސް އެއްކޮށް ވަނީ ނިމިފަ އެވެ.