ކުރިއަށް އޮތް 24 ގަޑީއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ބުދަ ދުވަހުގެ ހެނދުނު 10:00ން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ށް އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލެއަށް ވެސް ބޯކޮށް ވާރޭވެހެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ. އަދި ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ނުވަތަ 6 ފޫޓު ހުންނާނެ ކަމަށެވެ.
މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހެނދުނު 10:45ން މެންދުރު 2:00ށް ރީނދޫ ސަމާލު ނެރިފައެވެ. އަދި ކ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް ހެނދުނު 9:45ން މެންދުރުފަހު 3:30ށް ހުދު ސަމާލު ނެރިފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހުރިހައި ފަރާތްތަކުން މޫސުމަަށް ސަމާލުވާންޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.