ކ. މާލެ
|
8 އޭޕްރިލް 2025 | އަންގާރަ 13:08
ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
ރާއްޖެއެމްވީ
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުން
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުން - ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލަން ނިންމައިިފި
މައްސަލައިގައި އަކްރަމް ކަމާލުއްދީންގެ ފަރާތުން ކުށުގެ އަމަލު ހިންގާފައިވާނަމަ، އެކަން އެނގޭނެ ހެކިތަކެއް މިހާތަނަށް ހޯދިފައިނުވަނީވެސް، އެފަދަ އަމަލެއް ހިންގާފައިނުވާތީ ކަމަށް އެ މައްސަލައިގައި ބުނެފައިވޭ
ފަނޑިޔާރު ދީބަނާޒް ފަހުމީ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވަނީ ރަޖިސްޓްރާގެ ނިންމެވުން ރަނގަޅު ނޫން ކަމަށް ވިދާޅުވެފައި

ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން، ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފި އެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކުރީގެ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށެވެ.

އެންމެ ފުރަތަމަ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ 20 ޑިސެމްބަރުން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި ދެވަނަ ފަހަރަށް އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ "ގެދޮރުވެރިޔާ" ސްކީމާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދިގެންނެވެ. ޕާސްޕޯޓު ހިފަހެއްޓީ 20 ޖެނުއަރީން ފެށިގެން ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.

އެހެންކަމުން މި މައްސަލަ އަކްރަމްގެ ފަރާތުން އިސްތިއުނާފްކޮށްފައި ވަނީ އެއީ ކްރިމިނަލް ކޯޓުގައި މުރާޖައާކުރުމުގެ ފުރުސަތު އޮތް މައްސަލައެއް ކަމަށް ފާހަގަކޮށެވެ. އެ މައްސަލައިގެ އިސްތިއުނާފް ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމި ނިންމުން މުރާޖައާކޮށްދިނުމަށް ހައި ކޯޓަށް އަކްރަމް ވަނީ ހުށަހަޅުއްވާފައެވެ. އެ މައްސަލަ ބެލުމަށް ފަހު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައި ވަނީ އެ މައްސަލައިގައި ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.

ތިން ފަނޑިޔާރުން ހިމެނޭ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންނަކީ ފަނޑިޔާރު ދީބަނާޒް ފަހުމީ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. އޭގެ ތެރެއިން ފަނޑިޔާރު ދީބަނާޒް ފަހުމީ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވަނީ ރަޖިސްޓްރާގެ ނިންމެވުން ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.

ޝަނީޒް ވިދާޅުވެފައި ވަނީ އެ އަމުރު ނެރުނު ހާލަތާ މެދު ބަހުސެއް އޮތް ނަމަ އެކަން އަމުރު ނެރުނު ދަށު ކޯޓުގައި މުރާޖައާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި އިސްތިއުނާފީ ކޯޓެއްގައި އެފަދަ މައްސަލައެއް ބެލޭނީ ދަށު ކޯޓުގައި މުރާޖައާކޮށް ހިންގަން ޖެހޭ މަރުހަލާ ފުރިހަމަކުރުމުން ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން އިސްތިއުނާފީ ހައްގު ގެއްލޭނެ ކަމަށް ފާހަގަކުރި ނަމަވެސް ދަށު ކޯޓުގައި އިތުރު ފުރުސަތެއް ލިބޭނަމަ އެއީ ހައްގު އިތުރަށް ފުޅާވާ ކަމެއް ކަމަށް ޝަނީޒް ވަނީ ވިދާޅުވެފަ އެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށްފައިވާ އިރު އަކްރަމް ފިލައިގެން ގޮސްދާނެ ކަމަށް ސާބިތުކުރުމަށް ހެއްކަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުށަހަޅާފައި ވަނީ އޭނާގެ ބޭންކް ސްޓޭޓްމަންޓްތަކާއި ރާއްޖޭން ބޭރަށް ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލްތަކެވެ. އެހެންނަމަވެސް އަކްރަމް ހުށަހެޅުއްވި މައްސަލައިގެ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އެއީ ތަހުގީގަށް އެއްބާރުލުން ނުދީ، އޭނާ ރާއްޖޭން ބޭރަށް ފިލައިގެން ދާން އުޅޭ ކަން ސާބިތު ކުރެވޭ ހެއްކެއް ނޫންކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ސަބަބަކީ އޭނާ އަކީ މީގެ ކުރިން އެއްވެސް އިރެއްގައި ތަހުގީގަކަށް ނުވަތަ ޝަރީއަތަކަށް ފިލައިގެން ގޮސްފައިވާ މީހަކަށް ނުވުމާއި އޭނާގެ މައްޗަށް ތުހުމަތެއް ކުރެވިއްޖެ ނަމަ، އެ ކުރާ ތުހުމަތުތަކަށް މީގެ ކުރިން ވެސް ޖަވާބުދާރީވެފައިވުމެވެ.

މީގެ އިތުރުން މި މައްސަލައިގެ ތަހުގީގަށް އަހަރެއް ވާން ކައިރިވެފައިވާ އިރު ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ އެކަށީގެންވާ ހެކި ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އެދުނު އިރު ވެސް އިތުރު އާ ހެކި ގަރީނާ ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށް އަކްރަމްގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

އަކްރަމް ކަމާލުއްދީންގެ މައްޗަށް ކޮށްފައިވަނީ، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާތީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) (ށ) ގެ 1 އަދި 2 ވަނަ ނަންބަރުގެ ދަށުން ރިޝްވަތު ހުށަހެޅުމާއި އާއި އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) ގެ 1 އަދި 2 ވަނަ ނަންބަރުގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތާއި ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުތަކެވެ. މި ހާލަތުގައި ކޯޓުން ބަލަންޖެހޭނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި އޭނާއާ ގުޅުވާލެވޭ، ނުވަތަ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކޮށްފައިވާކަމަށް ބާރުދޭ ހެކި ލިބިފައިވޭތޯ ކަމަށް އިސްތިއުނާފުގައި ފާހަގަކޮށްފައިވެ އެވެ.

އަދި ކޯޓު އަމުރަށް ބަލާއިރު، މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ މައްސަލައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރިލިމިނަރީ ރިޕޯޓަކާއި، ވެރިފަޔަރ ސުބުހަތު އަލީ ވަޒީފާއިން ވަކިވިފަހުންވެސް އެ ފަރާތުގެ ލޮގިން ބޭނުންކޮށްގެން، ތުހުމަތުކުރެވޭ ފަރާތްތަކުން ފޯމުތަކަށް ބަދަލުގެނެސްފައިވާކަން އަންގައިދޭ ލިޔެކިޔުން ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުގެ ހޯދުންތައް ހިމެނޭ ޕްލިމިނަރީ ރިޕޯޓަކީ، ތަހުގީގަށް ފެންނަ ކަންކަމުގެ މައްޗަށް ތައްޔާރުކުރެވިފައިވާ އިނީޝަލް ރިޕޯޓެއްކަން ދޭހަވެއެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައި ހުންނާނެ ކަމަށް ބެލެވެނީ، ކޮމިޝަނަށް ދޭހަކުރެވޭ ކަންކަމެވެ. ނަމަވެސް، އެ ރިޕޯޓަކީ، އޭގެ ޒާތުގައި، އެ ރިޕޯޓުގައި ބަޔާންކުރާ ވަކި ކަމަކަށް ބާރުދޭ ހެއްކާ ވަކިން ބުރަދަނެއް ދެވިދާނެ ހެއްކެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އަކްރަމްގެ ފަރާތުން ހުށައެޅުއްވި ނުކުތާތަކުގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް އެއް އަހަރު ވެގެންދާއިރު، ހަގީގަތުގައިވެސް، އަކްރަމް ކަމާލުއްދީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި އަސާސެއް އޮތްނަމަ، އަދި ކުށްކޮށްފައިވާކަމުގެ އެކަށީގެންވާ ހެކި ހުރިނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދުނު އިރު އިތުރު ހެކި ގަރީނާ ހުށަހަޅާނެ ކަމަށެވެ. މީގެންވެސް ހާމަވާ ކަމަކީ، ތަހުގީގު އެތަށް ގުނައަކުން ދިގުލައިގެން ގޮސްފައިވާއިރުވެސް، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ އެކަށީގެންވާ ހެކި ނެތްކަން ކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރެވެމުންމިދާ މައްސަލައިގައި އަކްރަމް ކަމާލުއްދީންގެ ފަރާތުން ކުށުގެ އަމަލު ހިންގާފައިވާނަމަ، އެކަން އެނގޭނެ ހެކިތަކެއް މިހާތަނަށް ހޯދިފައިނުވަނީވެސް، އެފަދަ އަމަލެއް ހިންގާފައިނުވާތީ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

- ކޮމެންޓް