އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑްގެ ފަޔަށް އަނިޔާވެ، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހުމުގެ ބިރު ހީވެއްޖެ އެވެ.
ހާލަންޑްގެ ފަޔަށް އަނިޔާވެފައިވަނީ އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ބޯންމައުތާއި ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގައި ބޯންމައުތުގެ ކެޕްޓަން ލުވިސް ކުކް އަތުން ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައެވެ.
ސިޓީން ހާމަކުރި ގޮތުގައި، ހާލަންޑް ވަރަށް އަވަހަށް ކަމާބެހޭ ސުޕެޝަލިސްޓަކަށް ދައްކާ ކުރިއަށް ގެންދާނެ ފަރުވާއާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ. އުމުރުން 24 އަހަރުގެ ހާލަންޑް ބޯންމައުތު މެޗަށް ފަހު ވައިޓާލިޓީ ސްޓޭޑިއަމްއިން ނުކުމެގެންދިޔައީ ޕްރޮޓެކްޓިވް ބޫޓާ އެކު އަށިގަނޑުގެ އެހީގައެވެ. ހާލަންޑުގެ މި އަނިޔާއާ އެކު މި ސީޒަންގައި ނުފެނުމަކީ ވެސް ގާތް ކަމެއްކަމަށް ރިޕޯޓުތައް ބުނެ އެވެ.
ނަމަވެސް, ސިޓީން ގަބޫލުކުރާ ގޮތުގައި މި ސީޒަންގައި ފަހު ބައިގައި އޭނާ އަލުން ސިޓީއަށް ކުޅޭތަން ފެނުމަކީ ގާތް ކަމެކެވެ. އަދި ޖޫން މަހު އެމެރިކާގައި ބާއްވާ ކްލަބް ވޯލްޑް ކަޕްގައި އޭނާ ފެންނާނެ އެވެ.
ބޯންމައުތާއި ދެކޮޅަށް ސިޓީ ކުޅުނު ކުއާޓާ ފައިނަލްގައި ހާލަންޑް ލަނޑެއް ކާމިޔާބުކުރި ނަމަވެސް އޭނާ އަތުންވަނީ ޕެނަލްޓީއެއް ބޭކާރުވެ، ލަނޑު ޖަހަން ލިބުނު ރަނގަޅު ދެ ފުރުސަތެއް ބޭކާރު ވެފައެވެ.
ހާލަންޑްވަނީ މި ސީޒަންގައި ސިޓީއަށް މިހާތަނަށް ކުޅުނު 40 މެޗުގައި 30 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
މި ސީޒަންގައި ސިޓީއަށް މިހާރު ތައްޓެއް ކާމިޔާބުކުރަން އޮތް ހަމައެކަނި ފުރުސަތަކީ އެފްއޭ ކަޕެވެ. ޕްރިމިއާ ލީގުގައި ސިޓީން ދަނީ އަންނަ ސީޒަންގެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި ހަތަރުވަނަ މަގާމަށް ވާދަކުރަމުންނެވެ.