ކުރީ ސަރުކާރުގައި ފެށި ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާލައިިފިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީން ބުނީ ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 94 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓްގެ ރިޓެއިނިންގ ވޯލުގެ މަސައްކަތް ކަމަށާއި، ބާރު ސްޕީޑްގައި މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން، ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 27.8 މިލިއަން ރުފިޔާއަށެވެ.
ރަތަފަންދޫއަކީ 1،385 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
މިރަށުގެ ރައްޔިތުން، ރަށްގިރުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާތާ ވަނީ އެތައް އަހަރެއްވެފައެވެ. ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި، ރަށުތެރޭގެ ބޮޑުބަޔަކަށްވަނީ އުދައެރުމުގެ މައްސަލަ ކުރިމަތިވެފައެވެ. އަދި އުދައެރުމުގެ ސަބަބުން ދަނޑުބިންތަކަށާއި މީހުން ދިރުއުޅޭ ގޯތިތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއާއެކު، ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.