ކ. މާލެ
|
31 މާރޗް 2025 | ހޯމަ 13:04
ފަލަސުރުހީ ޕްރޮގްރާމްގައި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވާހަކަ ދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
މިނިވަން މުއައްސަސާތައް
ރައީސް މުއިއްޒުގެ އޮފީސްކޮޅާއި، އިށީންދެވަޑައިގަންނަވާ ގޮނޑިކޮޅުތައް ވަރަށް ގިނަ، ގައުމުގައި މިނިވަން މުއައްސަސާއެއް ނެތް : އަހުމަދު އީސަ
އޭސީސީއަކީ ވެސް ރައީސް މުއިއްޒުގެ އޮފީހެއް
މި ސަރުކާރަށް އޮތީ ވަކި ބައެއްގެ ހައްގުތައް ކަށަވަރު ކޮށްދިނުން
ގާނޫނު އަސާސީގައި ވަކި ގޮތަކަށް އޮތް ނަމަވެސް ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް އަމަލު ކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އޮފީސްކޮޅާއި، އިށީންދެވަޑައިގަންނަވާ ގޮނޑިކޮޅުތައް ވަރަށް ގިނަ ކަމަށާއި، މިނިވަން މުއައްސަސާއެއް ގައުމުގައި ނެތް ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަމުން އަހުމަދު އީސަ ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ހުންނެވީ އެންމެ އޮފީހެއް ނޫން ކަމަށާއި، ވަރަށް ގިނަ އޮފީސްތައް އެބަހުރި ކަމަށެވެ. އަދި އެމަނިކުފާނު އިށީންދެވަޑައިގަންނަވާ ވަރަށް ގިނަ ގޮނޑިކޮޅު ވެސް އެބަ ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ރައީސް އޮފީހުގެ އިތުރުން އެންމެ ބޮޑަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ކަމަށާއި، އޭސީސީއަކީ ވެސް ރައީސް މުއިއްޒުގެ އޮފީހެއް ކަމަށެވެ.

އޭސީސީއަކީ ރައީސުލްޖުމްހޫރިއްޔާ. އޭސީސީއަކީ މިނިވަންތަނެއް ނޫން. އޭސީސީއަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިށީންދެވަޑައިގަންނަވާ ގޮނޑި ކޮޅު އިންނަ ދެވަނަ އޮފީސް. ރައީސުލްޖުމްހޫރިއްޔާގެ އެބަހުރި ވަރަށް ބައިވަރު އޮފީސްތަކެއް މިހާރު. މީގެ ކުރީގައި މިއިންނަނީ ރައީސުލްޖުމްހޫރިއްޔާ އެންމެ އޮފީހެއް. އިށީންދެވަޑައިގަންނަވާ ވެސް އިންނަނީ އެންމެ ގޮނޑިއެއް. އެކަމަކު މިހާރު ރައީސުލްޖުމްހޫރިއްޔާގެ އެކި އޮފީސްތައް އެބަހުރި އިށީންދެވަޑައިގަންނަވާ އެކި ގޮނޑިތައް އެބަހުރި. އޭސީސީއަކީ އޭގެ އެއްތަން.

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ

ރައްޔިތުންގެ ހައްގު ހޯދުމަށް އަދި އިންސާފު ހޯދުމަށް ދާނެ މިނިވަން އެއްވެސް މުއައްސަސާއެއް ނެތްކަން ފާހަގަކުރައްވައި އީސަ ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް މިސަރުކާރުން ހިޔާނާތްތެރިވެފައިވާ ކަމަށެވެ. މި ފްލެޓު ލިސްޓާ ގުޅިގެން 18،000ށް ވުރެ ގިނަ ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާ ކަމަށާއި، އެ ކަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރުން 4000 މީހުންގެ ހައްގުތައް ކަށަވަރު ކޮށްދިން ނަމަވެސް މިސަރުކާރަށް އޮތީ ވަކި ބައެއްގެ ހައްގުތައް ކަށަވަރު ކޮށްދިނުން ކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ގާނޫނު އަސާސީއާއި، އުސޫލުތައް ވަކި ގޮތަކަށް އޮތް ނަމަވެސް ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް އަމަލު ކުރައްވާނެ ކަމަށާއި، ގާނޫނަކަށް އުސޫލަކަށް ބެލުމެއް ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުން މިއަދު މިކަންކަމުން އިބްރަތް ހާސިލްކޮށް، އެކަންކަމާ ދެކޮޅަށް ބަސް ބުނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް