އެސްއޯއީ ތަކަށް ރިޓަރަޑް މީހުން އައްޔަން ކުރައްވައިގެން ރައީސް ޑރ. މުޙައްމަދު ހިންގަވަމުން އެ ގެންދަވަނީ ބޮޑު ބަޣާވާތެއް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޤާނޫނީ ވަކީލް މުޙައްމަދު ނިޝާން މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ ކިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންނަށް ފިއްލަވައިގެން، މީޑިއާތަކަށް ފިއްލަވައިގެން އުޅުއްވުމަށް ފަހު ކުއްލިއަކަށް ޓީވީއަށް އަރުއްވާވަޑައިގެން ހުންނަވާ ވިދާޅުވެލެއްވި ބަސްފުޅުތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ބަސްފުޅުތަކެއް ކަމަށެވެ.
ނިޝާން ވިދާޅުވީ ރައީސަކު ޓީވީއަކަށް އަރުއްވައިގެން ދައްކަވާ ވާހަފުޅުތައް ވާންޖެހޭނީ ގައުމަށާއި ރައްޔިތުންނަށް ވަރަށް ފައިދާ ހުރި، އުންމީދުތަކެއް ގެނެެސްދޭ ވާހަފުޅުތަކަށް ކަމަށެވެ. ނަމަވެސް ފެނިގެން ދިއައީ އެއްވެސް އޮއްޓަރެއް ނެތް، ބޭނުން ނުހިފޭ ބޭކާރުވާހަކަތަކެއް ދެއްކެވި މަންޒަރު ކަމަށް ނިޝާން ވިދާޅުވި އެވެ.
ނިޝާން ވިދާޅުވީ ރައީސްގެ ވާހަކަފުޅުތަކުގައި ކަނޑައެޅިގެން އެނގިލައްވާ ގިނަ ކަންކަންވެސް ނޭންގޭ ކަންކަމަށް ހެއްދިކަމަށާއި އެގޮތުން ތެލެސީމިއާ ސެންޓަރުގެ ހާލަތު ވެސް އެމަނިކުފާނަށް އެނގިވަޑައިގެންނެވި ކަމަށެވެ.
ނިޝާން ވިދާޅުވީ ރާއްޖޭގެ ބެންކްތަކަށް 150 މިލިއަން ޑޮލަރު މާރުކުރުމަކީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ވެރިއަކަށް ކުރައް ކެރިވަޑައިގަތް ކަމެއް ނޫންކަމަށް ދޭހަވާ މޭރުކަމުން ރައީސް ވާހަކަތައް ދެކެވި ކަމަށާއި ނަމަވެސް އެއީ ރައީސް މުއިއްޒަކީ ގަޓު ހުރި ރައީސެއް ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް އޮތް ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރަނގަޅުވާހަކައެއް. އެހެން ރައީސުންނަށް ކުރަން ކެރިވަޑައިނުގަންނަވާ ކަންކަން އެބަހުރި ކުރައްވާފަ. މި ރާއްޖޭގެ ނޫސްވެރިންނަށް ސީދާ ރައީސް ގުޅުއްވާފަ އެބަހުރި އިންޒާރު ދެއްވާފަ. މިއީ ދިވެހި ތާރީޚުގައި އަޅުގަނޑުމެން ހޭލާގަތީއްސުރެ، އެއްވެސް ރައީސަކު ކޮށްފައިވާ ކަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ގުޅައިގެންނެއް ތަންތަނުގައި ތިބޭ މީހުންނަށް ބިރުދައްކާ ހެދުމާ، ތަންތަނުގައި ތިބި މީހުންނަށް އިންޒާރުދީ ހެދުމަކީ.
ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް![]()
މީގެ އިތުރުން ނިޝާން ވިދާޅުވީ ސްޕްރީމް ކޯޓުގައި ތަޅުއަޅުވައި، ކޯޓުތައް އަތްދަށުލައިގެން މީގެ ކުރީން މިގައުމުގައި ވެރިކަން ކުރި އެއްވެސް ރައީސަކު އުޅުއްވި މަންޒަރު ދިވެހި ތާރީޚުން ވެސް ނުފެންނަކަމަށާއި ނަމަވެސް ރައީސް މުއިއްޒު އުޅުއްވަނީ އެކަން ވެސް ކުރައްވައިގެން ކަމަށެވެ.
ނިޝާން ވިދާޅުވީ ރާއްޖޭގެ ގިނަ ދިމާދިމާއަށް ބަޣާވަތް ގެންނަފަދައިން ދިވެހިންގެ ބެންކް، ބެންކް އޮފް މޯލްޑިވްސްގެ ތެރެއަށް ވެސް ރައީސް އަތްބާނައިގެން ބަޣާވާތެއް ކޮށްފައިވާ ކަމަށާއި ހަމަ އެގޮތަށް އެމްއެމްއޭގެތެރެއަށް ވެސް އަތްބާނައިގެން ބަޣާވާތެއް ކޮށްފައި ވާކަމަށެވެ.
ނިޝާން ވިދާޅުވީ މިލިޓަރީ ބޭނުންކޮށްގެން އެސްއޯއީތަކަށް މިލިޓަރީ މީހުން އައްޔަންކުރުމަށް ޓަކައި އެބޭނުން ކުރައްވާ މިލިޓަރީ އުކުޅަކީ ބޮޑު ބަޣާވާތެއް ކަމަށެވެ. އެސްއޯއީތަކަށް ވެރިން އައްޔަން ކުރުމަށްޓަކައި ރިޓަޔަޑް މީހުން ލައިގެން ރައީސް މުއިއްޒު އެ ހިންގަވަނީ ބޮޑު ބަޣާވާތެއް ކަމަށް ނިޝާން ވިދާޅުވި އެވެ.