ކ. މާލެ
|
29 މާރޗް 2025 | ހޮނިހިރު 18:02
ބައްޝާރު އަސަދު  ވެރިކަމުން ވެއްޓުމަށް ފަހު، ދާދި ފަހުން އެނބުރި ސީރިއާ އަށް ދިޔަ މީހަކު  ސީރިއާގެ ދަރަޔާގެ ހަލާކުވެފައިވާ ސަރަހައްދެއްގައި ނަމާދު ކުރަނީ
ބައްޝާރު އަސަދު ވެރިކަމުން ވެއްޓުމަށް ފަހު، ދާދި ފަހުން އެނބުރި ސީރިއާ އަށް ދިޔަ މީހަކު ސީރިއާގެ ދަރަޔާގެ ހަލާކުވެފައިވާ ސަރަހައްދެއްގައި ނަމާދު ކުރަނީ
އޭއެފްޕީ
ސީރިއާ ހަނގުރާމަ
ސީރިއާގެ ހަނގުރާމައިގެ ރެފިއުޖީން ވަޠަނަށް އަނބުރާ ގޮސް ހޭދަކުރީ ފުރަތަމަ ރަމަޟާން މަސް - ހުތްފޮނި ހަނދާންތަކެއް
14 އަހަރު ކުރިން ފެށުނު ހަނގުރާމައިގެ ސަބަބުން، މި ސަރަހައްދުގެ ގިނަ ގެތައް ވަނީ ފުނޑުފުނޑުވެ، އެތައް ބަޔަކު މަރުވެފައި

ސީރިއާގެ ރެފިއުޖީން ރަމަޟާން މަހު ވަޠަނަށް އެނބުރި އައުމުގެ އުފާވެރިކަމުގެ ޝުއޫރުތައް އެ ފަރާތްތަކުން ބަންޑުންކޮށްލައިފި އެވެ. ސީރިއާގެ ވެރިކަމުން ބަޝާރް އަލް-އަސަދް ވައްޓާލުމަށްފަހު، ގިނަ އަދަދެއްގެ ސީރިއާގެ ރައްޔިތުން އެނބުރި ވަޠަނަށް ގޮސްފައިވާއިރު، އެ މީހުންގެ ފުރަތަމަ ރަމަޟާން މަސް ހޭދަކުރަމުންދަނީ އުފަލާއި ހިތާމައިގެ އިހްސާސްތަކާ އެކުގަ އެވެ.

އެ ރެފިއުޖީންގެ ތެރޭގައި ހިމެނޭ މަރިޔަމް އަބޫރަކީ ސީރިއާގެ ހަނގުރާމައިން ސަލާމަތްވުމަށް ލެބަނަންއަށް ހިޖުރަކުރި މީހުންގެ ތެރެއިން މީހެކެވެ. އަސަދްގެ ވެރިކަން ނިމުމާއެކު އޭނާ ވަޠަނަށް އެނބުރި އައިސްފައިވީ ނަމަވެސް، އޭނާގެ ދަރިފުޅާއި ޅަދަރިފުޅު ދަނީ އަދިވެސް ދަނީ ލުބްނާންގައި މަސައްކަތްކުރަމުންނެވެ. އަދި އޭނާގެ ބައްޕަ ނިޔާވެފައިވަނީ އޭނާ އާއި ބައްދަލު ނުވެއެވެ. ހިތްދަތި ދުވަސްތަކަކަށް ފަހު އަމިއްލަ ވަޒަނުގައި ރޯދަ މަސް ހޭދަކުރެވުމަކީ އޭނާ ފަދަ އެތައް ބަޔަކަށް މި ރޯދަ މަހު ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.ޔޫ.އެން.އެޗް.ސީ.އާރްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އަސަދްގެ ވެރިކަން ނިމުމަށްފަހު 370،000 އަށްވުރެ ގިނަ ސީރިއާގެ ރައްޔިތުން ވަނީ އެނބުރި ވަޠަނަށް އައިސްފައެވެ. މިމީހުންނަސް މިހާރު ދަނީ އަލަށް ލިބުނު މިނިވަންކަމުގެ ފޮނި ރަހަ ލިބެމުންނެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ގެއްލިފައިވާ ލޮބުވެތި ވަތަން އާރާސްތު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހަލާކުވެފައިވާ ގެދޮރު އަދި ރާޅުވެފައިވާ އާއިލީ ގުޅުންތަކުގެ ސަބަބުން އެމީހުންނަށް ދަނީ ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެމުންނެވެ.

އޭއެފްޕީ ނޫހަށް މައުލޫމާތުދެމުން ކަރީމް އަލް އަބޫބަކުރު ބުނީ އަދިވެސް ހިތާމަ އެބަ އޮތް ކަމަށެވެ. "ތަނެއް ރީތިވަނީ ހަމައެކަނި އެތަނެއްގެ މީހުން އެތަނެއްގައި ތިބެގެން ނޫން. އިމާރާތްތައް އަލުން ބިނާކުރެވޭނެ، އެކަމަކު އަނބުރާ އަންނަ އިރު ދަންނަ މީހަކު ނެތުމުން އެނބުރި ނާންނަ މީހުންވެސް އެބަ ތިބި." ކަރީމް ވަނީ ބުނެފަ އެވެ.

މިއަދު ދަރަޔާގެ ބައެއް ހިސާބުތަކުގައި ކުޑަކުދިންނާއި އެހެން މީހުން ހިނގާފައި ދަނީ ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ މެދުންނެވެ. އަދި ވިއްސި ވިހާލިވެފައިވާ ގެތަކާއި، ލޯވަޅުތަކެއް ހުރި ފާރުތަކުގެ ކައިރިންނެވެ. ބައެއް ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ހެދުން އަޅާ ދަނޑި ނުވަތަ ގަދަ ކުލައިގެ ފެން ޓޭންކެއްގެ ސަބަބުން އެ ސަރަހައްދުތަކުގައި އިންސާނުން ދިރިއުޅޭ ކަމުގެ އަސަރު ފެނުނު ނަމަވެސް އަދިވެސް ހިތްދަތި ހަނދާންތައް މުޅިއަކުން ނުފިލަ އެވެ.

ގެދޮރަށް އަލުން ދިޔަ މީހުންގެ ތެރޭގައި ހިމެނޭ އަލްމަޝާޝް ބުނީ ކިތަންމެ ބޮޑަށް ބަދަލު ވިޔަސް އަމިއްލަ ގެއަށް ދެވުމުން ހިތްހަމަޖެހުން ލިބޭ ކަމަށެވެ. " މި ވަޒަން ވަރަށް ބޮޑަށް ހަލާކުވެއްޖެ. އެކެމަކު މިތަން އަދިވެސް މާ ހިތްހަމަ ޖެހޭ." އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނާގޮތުން މި ރަމަޟާން މަހު، އޭނާ ވަނީ ބައެއް ސަގާފަތްތައް އަލުން ތަޖުރިބާކޮށްފައެވެ. އެއީ ކުދި ކުދި ކަންކަން ކަމަށް ވިޔަސް އެކަންކަން ތަޖުރިބާ ކުރެވުނީ ވަރަށް ދުވަސް ފަހުން ކަމަށް އޭނާ ވަނީ އޭއެފްޕީ ނޫހަށް ކިޔާދީފައެވެ. އެގޮތުން ރޯދަ ވީއްލަން ދަންނަ މީހުންނަށް ދައުވަތު ދިނުމާއި ރޯދަ ވީއްލަން ދައުވަތު ލިބި، ކުޑަ އިރުގެ ހަނދާންތައް ހުރި މިސްކިތެއްގައި ނަމާދުކޮށްލުމަށް އޭނާ އަށް އެތައް އަހަރަކަށް ފަހު ފުރުސަތު ލިބުނެވެ.

ދަރަޔާ ދޫކޮށް، މިހާރު އެނބުރި ސީރިއާއަށް ދިޔަ ބައެއް މީހުން ބުނާ ގޮތުގައި އެމީހުންގެ ގެދޮރު ނައްތާލާފައިވާ ނުވަތަ އެތަނުގައި ތިބުމުގެ އެއްވެސް ހާލަތެއް ނެތެވެ. އޭގެ ތެރެއިން ބައެއް މީހުން އެހެން ތަނެއްގައި ދިރިއުޅެމުންދަނީ ކުރިން އަސަދުގެ ޒަމާނުގެ އަސްކަރީ އޮފިސަރުން ތިބި އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައި ކަމަށާއި މިހާރު ހިޔާވަހިކަން ދެމުން އަންނަނީ ބައެއް އާއިލާތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

14 އަހަރު ކުރިން ފެށުނު ހަނގުރާމައިގެ ސަބަބުން، މި ސަރަހައްދުގެ ގިނަ ގެތައް ވަނީ ފުނޑުފުނޑުވެ، އެތައް ބަޔަކު މަރުވެފަ އެވެ. މިއަދު އެނބުރި އައިސްފައިވާ ގިނަ މީހުން ދަނީ ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރަމުންނެވެ.

- ކޮމެންޓް