ޅ. ނައިފަރު ޤުރުއާން ލަރނިންގ ސެންޓަރު ތަރައްގީކުރުމަށް ވަގުފް ފަންޑުން އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވީ ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި،ނައިފަރުގެ ޤުރުއާން ލަރނިންގ ސެންޓަރު ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ އިސްލާމީ ވަގުފު ފަންޑުން އެހީ ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ނައިފަރުގައި ފެންވަރު ރަނގަޅު ޤުރުއާން ލަރނިންގ ސެންޓަރެއް ތަރައްގީ ކުރުމަކީ އެރަށުގެ ގިނަ ދަރިވަރުންނާއި، ބެލެނިވެރިންގެ އެދުމެކެވެ. އެރަށުގައި ގިނަ ދަރިވަރުންތަކެއް ހާފިޒު ކަމުގެ ސަނަދު ހާސިލު ކުރުމަށް ދަނީ ކިޔަވަމުންނެވެ. އަދި މިފަހުން ބޭއްވި ހާފިޒުންގެ ދަސްވެނިމުގައި ވެސް ނައިފަރުގެ ގިނަ ދަރިވަރުންތަކެއް ސަނަދު ހާސިލްކޮށްފައިވެއެވެ.
ނައިފަރު ޤުރުއާން ލަރނިންގ ސެންޓަރު ތަރައްގީކުރުމަށް ވަގުފް ފަންޑުން އެހީ ފޯރުކޮށްދޭން ނިންމާފައިވާއިރު، އެފަންޑުން މިސްކިތްތައް އެޅުމަށާއި، އަދިވެސް އިސްލާމް ދީނާ ގުޅުންހުރި ކަންކަން ކުރިއެރުވުމަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.