ދިވެހި މުޖުތަމަޢު ދުންފަތާ ދުރުކުރުމަށް، ޚާއްޞަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި އަދި ކުރިއަށްއޮތް ތަނުގައި އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
މިގޮތުން އެމަނިކުފާނު ވިދާޅުވީ "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމެވީ އަލަށް މިކަމުގެ ތެރެއަށް ވަންނަ ކުދީން، އެކުދިންގެ މުޅި ހަޔާތް އެކަމުން ދުރުކޮށް ސަލާމަތްވުމަށް ބާރުއެޅުއްވުމަށްކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްޞީލު ފަހުން ޙިއްޞާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ "ޖެނެރޭޝަން ބޭން" ނުވަތަ ޖީލުތަކަށް ހާއްސަކޮށްގެން ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމެވީ އަލަށް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް ވަންނަ ކުދީން، އެކަމުން ދުރުކޮށް ސަލާމަތްވުމަށް ބާރުއެޅުއްވުމަށް ކަމަށެވެ.
ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެއް
ރައީސް ޑރ މުޙައްމަދު މުޢިއްޒު![]()
ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ވިސްނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން ގެންދިއުންކަމުގައި ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އަދި އިމްޕޯޓް ޤާނޫނަށް ސަރުކާރުން ވަނީ އިސްލާހު ގެނެސްފަ އެވެ.
އެގޮތުން، ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް، ދުންފަތުގެ ބާވަތްތައް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ވިއްކުމާއި އެފަދަ އުފެއްދުމެއް ވިއްކުމުގައި ބައިވެރިކުރުން ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި ވޭޕްގެ ބާވަތްތައް ބޭނުންކުރުމާއި ވިއްކުމާއި ރާއްޖެ އެތެރެކުރުންވެސް ވަނީ މަނާކޮށްފަ އެވެ.