ކ. މާލެ
|
26 މާރޗް 2025 | ބުދަ 13:48
ކާގޯ ބޯޓަކަށް ޝިޕިން ކޮންޓެއިނަރު އެރުވުމުގެ މަސައްކަތް ކުރަނީ
ކާގޯ ބޯޓަކަށް ޝިޕިން ކޮންޓެއިނަރު އެރުވުމުގެ މަސައްކަތް ކުރަނީ
ރޮއިޓާރސް
އިންޑިއާ
ވިޔަފާރީގެ މަޝްވަރާތަކަށް އެމެރިކާގެ ޓީމެއް އިންޑިއާ އަށް
މަޝްވަރާތަކަށް އެމެރިކާގެ ވަފުދު އިންޑިއާ އަށް ދަތުރުކުރަނީ ވަރަށް ނާޒުކު ދަނޑިވަޅެއްގައެވެ.

ދެ ގައުމުގެ ދެ މެދުގައި ކުރެވޭ ވިޔަފާރި އާއި ގުޅޭ މަޝްވަރާތަކަށް އެމެރިކާގެ ޓްރޭޑް ޑެލިގޭޝަނެއް އިންޑިއާ އަށް ދިޔުމަށް ހަމަޖެހިއްޖެ އެވެ.

އަންގާރަ ދުވަހުން ފެށިގެން ހަފްތާ ބަންދު ނިމެންދެން މި ވަފުދު އިންޑިއާގައި ތިބޭނެ އެވެ. މި ވަފުދުގެ އިސް ބޭފުޅަކަށް ވަޑައިގަންނަވަނީ އެމެރިކާގެ އެސިސްޓަންޓް ޔޫ.އެސް ޓްރޭޑް ރެޕްރެޒެންޓޭޓިވް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ބްރެންޑަން ލިންޗެވެ.

ނިއުދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ބުނީ މި ދަތުރުން ދައްކުވައި ދެނީ ދެގައުމުގެ ދެ މެދުގައި އުފެއްދުންތެރި، ހަމަހަމަ ވިޔަފާރީގެ ގުޅުމެއް ބާއްވުމަށް އެމެރިކާ އިން އިސްކަންދޭ މިންވަރު ކަމަށެވެ.

މަޝްވަރާތަކަށް އެމެރިކާގެ ވަފުދު އިންޑިއާ އަށް ދަތުރުކުރަނީ ވަރަށް ނާޒުކު ދަނޑިވަޅެއްގައި އެވެ.

އެއީ އަންނަ އެޕްރީލް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެމެރިކާ އަށް އިންޑިއާ އިން އެތެރެކުރާ ގިނަ ބާވަތްތަކަކުން ބޮޑު ޓެރިފެއް ނެގުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

އިންޑިއާގެ އިތުރުން އުފެއްދުންތެރި އެހެން ބައެއް ގައުމުތަކުން އެތެރެ ކުރާ މުދަލުން ވެސް ޓެރިފް ނެގުމަށް ނުވަތަ ޓެރިފް ބޮޑު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފައި އެވެ. އިންޑިއާގެ އުއްމީދަކީ މި މަޝްވަރާތަކުގެ އަލީގައި، އިންޑިއާ އަށް ލުއި ގޮތްތަކެއް އެމެރިކާ އިން ހަމަޖައްސައި ދިނުމެވެ.

ޓެރިފްގެ މައްސަލައިގައި ދެ ގައުމުގެ ދެ މެދުގައި ނުތަނަވަސްކަން ކޮންމެ ވެސް ވަރަކަށް ވަނީ އުފެދިފަ އެވެ. އެހެން ނަމަވެސް، ޓްރަމްޕް ވެރިކަމަށް ވަޑައިގަތީއް ސުރެ މޯދީގެ ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ގިނަ ބައްދަލުވުންތަކާއި މަޝްވަރާތަކެއް އަދި ޒިޔާރަތްތަކެއް ވަނީ ހިނގާފައި އެވެ.

އަންނަ މަހު އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވޭންސް އަދި ސަލާމަތީ އިސް ބައެއް އޮފިޝަލުން ވެސް އިންޑިއާ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

- ކޮމެންޓް