ކ. މާލެ
|
26 މާރޗް 2025 | ބުދަ 13:59
ފިލިޕީންސާއި، ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ފިލިޕިންސް ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއިން.
ފިލިޕީންސާއި، ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ފިލިޕިންސް ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއިން.
ގޫގުލް
އޭއެފްސީ އޭޝިއަން ކޮލިފައިން
ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ
ފިލިޕީންސްގެ ފަރާތުން މޮޅު ކުޅުމެއް މި މެޗުގައި ފެނިގެން ދިއައިރު، މެޗުގެ ކުޅުން ފިލިޕިންސް އިން ފެށީވެސް ގަދަކޮށް. މިގޮތުން މެޗުގެ ކުޅުންފެށިތާ ހަވަނަ މިނެޓުގައި ފިލިޕީންސްއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން ތިންވަނަ ބުރުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން ބަލިވެއްޖެއެވެ.

އަންގާރަ ދުވަހު ކުޅުނު މި މެޗުން ފިލިޕީންސްއާއި ވާދަކޮށް ރާއްޖެ ބަލިވެފައި ވަނީ 1-4 ނަތީޖާއިންނެވެ.

ފިލިޕީންސްގެ ފަރާތުން މޮޅު ކުޅުމެއް މި މެޗުގައި ފެނިގެން ދިއައެވެ. އެގޮތުން މެޗުގެ ކުޅުން ފިލިޕިންސް އިން ފެށީވެސް ގަދަކޮށެވެ. މިގޮތުން މެޗުގެ ކުޅުންފެށިތާ ހަވަނަ މިނެޓުގައި ފިލިޕީންސްއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ.

މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެފަސަން ޓަބީނާސްއެވެ. މެޗުގެ 19 ވަނަ މިނެޓުގައި ޕިލިޕީންސް އިން އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރިއެވެ. މިލަނޑު ޖަހައިދިނީ ބިޔޯން މާޓިން ކްރިސްޓެންސެން އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުމަށް ބަލާއިރު، ރާއްޖެއަށް މާރަނގަޅު ކުޅުމެއް ކުޅެވުނުތަން ފެނިގެން ނުދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ.

މި މެޗުގެ ދެވަނަ ހާފަށް ރާއްޖެއިން ނިކުތީ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުން ނަތީޖާއެއް ނެރުމުގެ އުންމީދާ އެކުގައެވެ. މިގޮތުން އެ ޓީމުން ހިތްވަރާއެކު މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 62 ވަނަ މިނެޓުގައި އަލީ ފާސިރު ލަނޑެއް ޖަހައިދީ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމެވެ.

ރާއްޖެއިން ލަނޑެއްޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް މެޗުގެ 77 ވަނަ މިނެޓުގައި ފިލިޕިންސް އިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައި ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރެންޑީ ޝުނައިޑާ އެވެ. ފިލިޕީންސް އިން އެޓީމުގެ ހަތަރު ވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި އެވެ. މި ލަނޑު ޖަހައިދިނީ ސަންޑްރޯ ރެޔޭސް އެވެ. މި ލަނޑާއި އެކު ފިލިޕީންސްއިން މެޗު ނިންމާލީ ހަތަރު ލަނޑު އެއް ލަނޑުން ކުރީގައި އޮވެގެންނެވެ.

މި މެޗުގައި ނިކުތް ނަތީޖާ އާއެކު އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާ އެއް ހޯދަން ބޭނުން ނަމަ ކުރިއަށް އޮތް މެޗުތަކުން ރާއްޖޭގެ ޓީމުން ރަނގަޅު ނަތީޖާތަކެއް ހޯދަން ޖެހޭނެއެވެ.

ރާއްޖެ ހިމެނޭ ގްރޫޕް އޭ އަށް ނިސްބަތްވާ ތަޖިކިސްތާން އާއި ޓިމޯ ލެސްޓޭ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ތަޖިކިސްތާންއެވެ.

މި ގްރޫޕްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ޖޫން މަހުގެ 10 ވަނަ ދުވަހު ރަށުން ބޭރުގައި ބައްދަލުކުރާނީ ޓިމޯ ލެސްޓޭ އާދެކޮޅަށެވެ.

- ކޮމެންޓް