ކ. މާލެ
|
24 މާރޗް 2025 | ހޯމަ 09:31
މާފުށީ ޖަލުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
މާފުށީ ޖަލުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ސަން އޮންލައިން
މާފުށީ ޖަލުގައި ދަންޖެހިގެން ގައިދީއަކު މަރުވުން
ދަންޖެހިގެން މަރުވި ޝަމްވީލް އަކީ ނަފްސާނީ ބޮޑު މައްސަލަ އެއް ހުރި މީހެއް ނޫން - ކަރެކްޝަންސް
ޝަމްވީލް އެކަހެރިކޮށްފައި ވޭތޯ ބެލުމަށް ކަރެކްޝަންސް އާއި ރާއްޖެޓީވީން ސުވާލު ކުރި ނަމަވެސް އެކަމަށް ކަރެކްޝަންސް އިން ކޮމެންޓްކޮށްފަ އެއް ނުވޭ
ޝަމްވީލް އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުން ދިޔަ މީހެއް

މާފުށީ ޖަލުގައި ދަންޖެހިގެން މަރުވި ގައިދީ، ސ. މަރަދޫ / ފޯ ފްލާވަރ އިބްރާހިމް ޝަމްވީލް (23 އަހަރު) އަކީ ނަފްސާނީ ބޮޑު މައްސަލަ އެއް ހުރި މީހެއް ނޫން ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން ބުނީ، 23 މާރޗް ވީ އާދިއްތަ ދުވަހު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިފައިވާ ކަމަށެވެ. އަދި އޭނާ ވަގުތުން މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ. އާދިއްތަ ދުވަހުގެ 4:55 ގައި އިބްރާހިމް ޝަމްވީލް ނިޔާވެފައިވާކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

ޝަމްވީލްގެ އާއިލާގެ ފަރާތުން ރާއްޖެ ޓީވީ އަށް މައުލޫމާތު ދެމުން ބުނީ ޝަމްވީލް އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށެވެ. އެކަން އޭނާ އަށް ޙުކުމް ކުރި އިރު ވެސް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭނާ އާއި މެދު ބަހައްޓަން ޖެހޭ ސަމާލުކަން ކަރެކްޝަންސް އިން ނުބަހައްޓާ ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.

އާއިލާ އިން ވަނީ އޭނާ މީގެ ކުރިން ދަން ޖެހެން އުޅުނު ކަމަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އާއިލާ އަށް އަންގާފައި ނުވާ ކަމަށް ޝަމްވީލްގެ އާއިލާ އިން ބުނެ އެވެ.

ޝަމްވީލް އެކަހެރިކޮށްފައި ވޭތޯ ބެލުމަށް ކަރެކްޝަންސް އާއި ރާއްޖެޓީވީން ސުވާލު ކުރި ނަމަވެސް އެކަމަށް ކަރެކްޝަންސް އިން ކޮމެންޓްކޮށްފަ އެއް ނުވެއެވެ. ނަމަވެސް އޭނާ އެކަހެރިކޮށްފައި ނުވާ ކަމަށް ވެސް ބުނެފައި ނުވާކަން ފާހަގަކޮށްލެވެ އެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އިން ބުނީ ޝަމްވީލް އަކީ ނަފްސާނީ ބަލީގެ "ސިވިއަރ" މީހެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ކަރެކްޝަންސްގައި ސައިކެޓްރިސްޓެއް ހުންނަ ކަމަށާއި ޝަމްވީލް ސައިކެޓްރިސްޓަށް ދައްކާ އޭނާގެ ނަފްސާނީ ހާލަތު ދެނެގަނެފައިވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން ބެލި ބެލުމުން އޭނާ އަކީ ނަފްސާނީ ބޮޑު މައްސަލަ އެއް ހުރި މީހެއް ކަމަށް ދެނެގަނެވިފައި ނުވާ ކަމަށް އެ ސަރވިސްގެ ފަރާތުން ވަނީ ހާމަކޮށްފަ އެވެ.

ޝަމްވީލް އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުން ދިޔަ މީހެކެވެ. އިބްރާހިމް ޝަމްވީލް މަރުވުމާއި ގުޅިގެން ކަރެކްޝަންސް އިން ވަނީ ވަގުތުން ކަމާއި ގުޅުން ހުރި އިދާރާތަކަށް އެކަން އަންގާފަ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

- ކޮމެންޓް