ކ. މާލެ
|
19 މާރޗް 2025 | ބުދަ 18:56
ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލާގައި އިންސާފު ހޯދުމަށް ނޫސްވެރިން މަގުތަކަށް ނިކުތުން
ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލާގައި އިންސާފު ހޯދުމަށް ނޫސްވެރިން މަގުތަކަށް ނިކުތުން
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން
މަގޭ ރިޕޯޓް
ވަލިއްޔުލްއަމްރުގެ އިންޒާރާއި އެކު ރާއްޖޭގެ ނޫސްވެރިކަން ބިރުވެރިކަމަކަށް!
”ފިޔާޒު އަށާއި، އޭނާގެ އައުވާނުންނަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ“
މުއިއްޒު ދެއްވި އިންޒާރާއި އެކު ރާއްޖޭގެ ނޫސްވެރިންގެ ފުރާނަ ނުރައްކަލަކަށް ވެއްޓިއްޖެ

ނޫސްވެރިކަމަކީ ޤައުމުގެ ހަތަރު ވަނަ ބާރު ކަމުގައި ބެލެވެއެވެ. މިއީ ޤައުމުގެ ތިން ބާރު ކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، އަދި ޝަރުޢީ ބާރުގެ އިތުރުން ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބާރެކެވެ. ނޫސްވެރިކަމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. ސަރުކާރާއި އެހެނިހެން މުއައްސަސާތަކުގެ ޖަވާބުދާރީވުން ކަށަވަރުކުރުމުގައި ނޫސްވެރިކަމުގެ ދައުރު ވަރަށް މުހިއްމެވެ. ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އަސާސްތައް ހިމާޔަތްކޮށް ދެމެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެކެވެ.

ކަން މިހެން އޮތް ނަމަވެސް މިއަދު މަންޒަރު މުޅިން ތަފާތުވެއްޖެ އެވެ. ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅާ ހިތްޕުޅާއިވާ ގޮތަކަށް ނޫން ގޮތަކަށް މަޢުލޫމާތެއް ހާމަކުރުމަކީ ކުށަކަވެއްޖެ އެވެ. ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުން ކުރުމަކީ ކުށަކަށް ވެއްޖެއެވެ. މިގައުމުގައި ރައްޔިތުންނަށް އޮތް ހައްގަކީ ކޮބައިކަން ޚުދު އެރައްޔިތު މީހާއަށްވެސް ނޭނގޭ ދަރަޖައަށް ކަންކަން ދަނީ އެވެ. މަގުތަކަށް ނިކުމެ ވަލިޔުލްއަމްރު ތިހައްދަވަނީ ގޯހޭ ބުނާ މީހާ އަނެއް ދުވަހު ދެއިރު ދެދަޅައަށް ގެންދަނީ ފުލުސް އޮފީހަށެވެ. ކުށްވެރިންތަކެއް ފަދައިން އެއް ތުހުމަތަކަށް އެތައް ގަޑިއިރު ބަޔާން ނަގަނީއެވެ.

މިކުޅިވަރުގެ ތެރޭގައި ކަންކަން ކުރިއަށްދަނިކޮށް އެއްރެއްގެ އިރާކޮޅު އަޑު އިވިގެންދިޔައީ ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާއަށް، ވަލިއްޔުމްއަމްރު ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދެއްވި ޙަބަރު އެވެ.

ނޫސްވެރިން މުޅިން މާޔޫސްވިއެވެ. ސަބަބުތައް ބައިވަރުއެވެ. ނޫސްވެރިންގެ ގަލަންތައް އަވަސްވެގެންދިޔައީ މީގެ ކުރިން މިގައުމުގައި ނޫސްވެރިންނާއި މެދު ކަންކަން ހިނގާފައިވާގޮތް ހަނދާން އައުކޮށްލުމާއި އެކުއެވެ. ބިރުވެރިކަން އިންތިހާ ދަރަޖައަށް ވެއްޓުނީ އެވެ.

ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ”ފިޔާޒު އަށާއި، އޭނާގެ އައުވާނުންނަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ“ ކަމަށެވެ. މުއިއްޒު ދިން އިންޒާރާއި އެކު ރާއްޖޭގެ ނޫސްވެރިންގެ ފުރާނަ ނުރައްކަލަކަށް ވެއްޓިއްޖެއެވެ. ކުރުކޮށް ބައެއް ކަންކަމަށް ނަޒަރު ހިންގާލާއިރު، ނޫސްވެރިޔާ ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނީ އެވެ.

ނޫސްވެރިޔާ ޔާމިން ރަޝީދަށް ބަޔަކު މީހުން ރާވައިގެން އައިސް ދިން ހަމަލާއިން ފުރާނަ ސަލާމަތް ނުކުރެވި މިދުނިޔެއާއި އަލްވަދާއުކީ އެވެ. މިހާރުގެ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އަކީވެސް އޭނާއަށް ދިން މަރުގެ ހަމަލާއަކުން މުޅި އުމުރަށް އެ އަނިޔާ ތަހައްމަލު ކުރަން ޖެހުނު މީހެކެވެ. އެތައް ނޫސްވެރިންނެއް އަނިޔާކޮށް ނުހައްގުން ޖަލަށްލި އެވެ. އެތައް ތުހުމަތެއް ކުރިއެވެ.

ނަމަވެސް ހަޤީޤަތަކީ އެމްޑީޕީ ވެރިކަމުގައި އޮތްއިރު، ނޫސްވެރިންނަށް މިނިވަންކަން ލިބުނެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ތައްމިނަޔަކަށް ބޭނުން ވާހަކައެއް ދެއްކިއެވެ. އެއިރު އެމްޑީޕީއާއި އިދިކޮޅަށް މަސައްކަތްކުރި ބައެއް މީހުން ދެއްކި ވާހަކަތައް ޤަބޫލުވެސް ކުރިއެވެ. އެއިރުގެ ސަރުކާރުން ނޫސްވެރިން ކުރާ އެއްވެސް ކަމަކަށް ހުރަހެއް ނާޅައެވެ.

މިއަދު އަނެއްކާވެސް މަންޒަރު ބަދަލުވާކަމުގެ މަލަމަތި ފެންނަން ފަށައިފި އެވެ. މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ ރައީސްއަކަށް ހުންނެވި ބޭފުޅަކު ނޫސްވެރިއަކަށް ވިޔަސް އަދި އާއްމު ރައްޔިތަކަށް ވިޔަސް އެއްވެސް ގޮތަކަށް ފޯނުން ގުޅައި ބިރުދައްކަވާ ފައެއްނުވެ އެވެ.

ކަންތައް މިހިސާބަށް ދިއުމުން މިކަމާއި މާބޮޑު ވާހަކައެއް ދައްކަންވެސް ބައެއް ނޫސްވެރިންނާއި މީޑިޔާތަކުން ޖެހިލުންވެއްޖެ އެވެ. މީޑިޔަ ތައް ޖެހިލުންނުވެ މިމައްސަލާގައި ނޫސްވެރިން އެންމެން އަތާއި އަތްގުޅާލަންވެއްޖެއެވެ. އެކަތިގަނޑަކަށް ވެ ތެދުވަން ވެއްޖެއެވެ.

ފުލުހަށް މިމައްސަލަ ހުށަހެޅި ނަމަވެސް މިއީ ވެގެން އުޅޭ ކަމެއް ބާއޭވެސް އެބައިމީހުން ހިތަށް ނާރާ ކަހަލައެވެ. މިއަދާއި ހަމައަށް އައި އިރު ފިޔާޒާއި ސުވާލުވެސް ކޮށްފައެއް ނެތެއެވެ.

ރާއްޖޭގެ ހާލަތު މިހާ ބިރުވެރި ހާލަތެއްގައި އޮތް އިރު، ނޫސްވެރިންނަށް ހަމަލާދީ، ގެއްލުވައި ނުވަތަ މަރާލުމަކީ މިރާއްޖޭގައި ނުހިނގާނެ ކަމެއް ކަމަށް ޤަބޫލު ކޮށްގެން ތިބެގެންނުވާނެ އެވެ. މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުނަގައި ތިބުމަކީ ފުލުހުންގެ އެއްވެސް ޒިންމާދާރުކަމެއް ނެތުމެވެ. ރައްޔިތު މީހާއަށް އޮތް ރައްކާތެރި ކަމަކީ ކޮބައި ހެއްޔެއެވެ. ؟

މިއަދު ނޫސްވެރިޔާ ފިޔާޒަށް، ރައީސް މުއިއްޒު ދެއްކި ބިރާއި ދެކޮޅަށް ތެދު ނުވާނަމަ، އޭގެ ނުރައްކާ ނޫސްވެރިންނަށް ކުރިއަށް އޮތްތަނުގައި މިއަށްވުރެ ނުރައްކާތެރިކޮށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ގައުމުގެ ހާލަތު ބިރުވެރިވެފައި ވަރަށް ނާމާނެއެވެ. ވަކިން ޚާއްސަކޮށް ނޫސްވެރިންނަށް އޮތް ބިރުވެރިކަން އިންތިހާ ދަރަޖައަށް ގޮސްފިއެވެ.

- ކޮމެންޓް