ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި އަދަދު ނޫހުގެ ޗީފް އެޑިޓަރ ހުސެއިން ފިޔާޒް މޫސާ އަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޒާރު ދެއްވި މައްސަލަ ތަޙުޤީޤު ކުރުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާރނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.
އަދަަދު ނޫހުގެ ސީއީއޯ އަދި ނޫސްވެރިޔާ ހުސައިން ފިޔާޒު މޫސާއަށް ރައީސް މުޙައްމަދު މުޢިއްޒު ބިރުދެއްކެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި (އައިއެފްޖޭ) އާއި މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި މައްސަލައިގައި އަދަދު އިން ބުނެފައިވަނީ މާރިޗު 14 ވަނަ ދުވަހުގެ ރޭ 7:04 ގައި ރައީސް މުޢިއްޒު ފިޔާޒަށް ގުޅުއްވައި، އެ ނޫހުން ކުރަމުންދާ ކަވަރޭޖާ ގުޅިގެން "ހަރުކަށި ފިޔަވަޅު" އަޅުއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
މި ފޯނު ކޯލަކީ ފަސްޓް ލޭޑީ ސަޖިދާ މުޙައްމަދުގެ ދަރިކަލުންނާ ބެހޭގޮތުން އެމްޑީޕީގެ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން ޤާނޫނީ ގޮތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސްގެ އާއިލާއިން ވިދާޅުވުމަށްފަހު އައި ކޯލެކެވެ.
މާރިޗު 15 ގައި އަދަދު ނޫހުން ވަނީ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އެމްޖޭއޭއަށް ހުށަހަޅާފައިވެއެވެ.
އަދި އައިއެފްޖޭއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސަރުކާރުން އަދަދު ނޫހަށް އަމާޒުކޮށް ހިންގާ ދުއްތުރާލުގެ ކެމްޕޭނެއްގެ ދަށުން އިޝްތިހާރުން ލިބޭ އާމްދަނީ ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލުން މި މައްސަލައާ ގުޅޭގޮތުން ރައީސް އޮފީހުން މަޢުލޫމާތު ހޯދަން މަސައްކަތްކުރި ނަމަވެސް، އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. އަދި މި މައްސަލައިގައި އެމްޑީޕީގެ މެންބަރަކު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިހުސާން މަޖިލީހަށް ހާޒިރުކުރުމަށް އެދިފައިވެއެވެ.
މި މައްސަލައިގައި އެމްޖޭއޭ އަދި އައިއެފްޖޭއިން ވަނީ ތަޙްޤީޤެއް ހިންގުމަށް ގޮވާލައި، ނޫސްވެރިންނަށް ކުރާ އެއްވެސް ބާވަތެއްގެ ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި ސަރުކާރުން މި މައްސަލައާ ގުޅޭގޮތުން ސާފުކޮށް ބަޔާނެއް ނެރުމަށްވެސް އައިއެފްޖޭއިން ވަނީ ގޮވާލާފަ އެވެ.