ނޫސްވެރިން އުލުބައިދަންވީ ކަމަށް ސަރުކާރުގެ ޕާޓީ، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ގޮވާލެއްވި މައްސަލާގައި ފުލުހުންގެ ޚިދުމަތުންނާއި، ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރިއެވެ.
މީޑިއާގައި މަސައްކަތް ކުރާ ބައެއް މީހުން އުލުބޭންދުމަށް މެންބަރު ފަލާހު ގޮވާލެއްވީ، 27 އޯގަސްޓް 2025 ގައި ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަށް ވާހަކަދައްކަވަމުންނެވެ.
މެންބަރު ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ޚަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ. އޭނާ ބަދު އަޚްލާގީ އަމަލެއް ހިންގި ކަމަށް ބުނެ މީޑިއާތަކުން ދޮގު ހެދި ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެއީ ކޮން މީޑިއާ ތަކެއް ކަމެއް އޭނާ ހާމަ އެއް ނުކުރައްވައެވެ.
ނޫސްވެރިން އުލުބައިދަންވީ ކަމަށް މެންބަރު ފަލާހު ވިދާޅުވުމުން މިމައްސަލަ ބެލުމަށް ގިނަ ބަޔަކު ގޮވާލިއެވެ. ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވުމާއެކު މިކަން ދިފާއު ކުރައްވައި އޭނާ ފަހުން ވާހަކަ ވެސް ދެއްކެވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތުން 2025 އޮގަސްޓު 28 ވަނަ ދުވަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވާކަމަށެވެ.
މިމައްސަލައާ ގުޅިގެން 17 ސެޕްޓެންބަރު 2025 އާ ހަމައަށް ޕީޖީގެ ފަރާތުން ލަފައެއް ދީފައިވޭތޯ ބެލުމަށް ފުލުހުންގެ މީޑީއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ ޗެކް ކޮށްލުމަށްފަހު މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. ރާއްޖެއެމްވީން ފާއިތުވި ތިން ދުވަހު ވެސް އެ ސުވާލު ކުރުމުން އޮފިޝަލް ދެއްވީ ހަމަ އެ ޖަވާބެވެ.
މިމައްސަލައާ ގުޅިގެން ޕީޖީ އޮފީހަށް މިމަހުގެ 15 ވަނަ ދުވަހު ގުޅުމުން އޮފިޝަލް ވިދާޅުވީ އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަޕްޑޭޓެއް ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް އޭގެފަހުން ފޯނަށް ޖަވާބެއް ދެއްވާފައިނުވެއެވެ.