ކ. މާލެ
|
19 މާރޗް 2025 | ބުދަ 17:27
މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި - 17.03.2025
މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި - 17.03.2025
ރާއްޖެއެމްވީ
އެމް.ޑީ.ޕީ
ކަޅު ތެޔޮ ޖެހި މައްސަލައިގައި، ފުލުހުން މަންދީގެ ބަޔާން ނަގައިފި
މަންދީގެ ވަކީލު ވިދާޅުވީ، މާލޭގައި ހިނގާ ކަންކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ފުލުހުންގެ ތަހުގީގަށް ހޯދޭނެ ކަމަށް.
މަންދީގެ ގަޔަށް ކަޅު ތެޔޮ ޖެހި ބަޔަކު ހޯދައި، އެ ބަޔަކަށް ދައުވާ ކޮށްދިނުމަށް އެދިފައި ވާނެ ކަމަށް ވެސް ވަކީލް ވިދާޅުވި.

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޙަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލައިގައި، ފުލުހުން މަންދީގެ ބަޔާން ނަގައިފި އެވެ.

މަންދީ ގަޔަށް ބަޔަކު ކަޅު ތެޔޮ ޖަހާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ، މާލޭގެ ވުޑްބެރީ ރެސްޓޯރަންޓް ހިމެނޭ ސަރަހައްދުގަ އެވެ. މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައި ވަނީ ހެލްމެޓު އަޅައިގެން އަދި މާސްކް އަޅައިގެން ސައިކަލުގައި އައި ބައެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، ބުދަ ދުވަހު ވަނީ މަންދީ ފުލުހަށް ޙާޟިރުކޮށް ބަޔާން ވަނީ ނަގާފައެވެ.

އެކަމާ ގުޅިގެން މަންދީގެ ފަރާތުން ވާހަކަ ދައްކަމުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ޝާތިރު ޢަބްދުއް ރަޙުމާން "ރާއްޖެ އެމްވީ" އަށް ވިދާޅުވީ، މާލޭގައި ހިނގާ ކަންކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ފުލުހުންގެ ތަހުގީގަށް ހޯދޭނެ ކަމަށެވެ. އަދި މަންދީގެ ގަޔަށް ކަޅު ތެޔޮ ޖެހި ބަޔަކު ހޯދައި، އެ ބަޔަކަށް ދައުވާ ކޮށްދިނުމަށް އެދިފައި ވާނެ ކަމަށް ވެސް ޝާތިރު ވިދާޅުވި އެވެ.

މީގެ އިތުރުން އެ އަމަލު ހިންގިއިރު، އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި ދިނުމަށް ވެސް މަންދީގެ ފަރާތުން ފުލުހުގައި ވަނީ އެދިފަ އެވެ. އަދި އެ ފަރާތްތަކާ މެދު ވެސް ދައުވާ ކޮށްދިނުމަށް އެދިފައިވެ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝާތިރު ވިދާޅުވީ، ޚިޔާލުފާޅު ކުރާ ކޮންމެ ފަހަރަކު މީހުންނަށް ހަމަލާދީ، ފުރާނަ އަށް ނުރައްކާވާ ފަދަ ކަންކަން ކުރުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ފަދަ ޙާލަތެއްގައި މިހާރު ރާއްޖެ އޮވެގެން ނުވާނެ ކަމަށާއި، އެއީ މާކުރިން ރާއްޖެގައި އޮތް ޙާލަތެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މިހެން ރާއްޖޭގައި ޚިޔާލު ފާޅު ކުރާ ކޮންމެ ފަހަރަކު، މިކަހަލަ ބޮޑެތި ކަންކަން، މީހުންގެ ފުރާނަ އަށް ނުރައްކާވާ ކަހަލަ ބޮޑެތި ކަންކަން ހިނގުމަކީ އެއީ އަޅުގަނޑުމެން ޤަބޫލު ކުރާ ކަމެއް ނޫން. އެފަދަ ޙާލަތެއްގައި މި ރާއްޖެ އޮވެގެން ނުވާނެ. އެ ޙާލަތުން މި ރާއްޖެ އަރައިގަންނަން ޖެހޭ. އަޅުގަނޑުމެންނަށް މާކުރީގައި ފެނިފައި އޮތް ދުވަސް ވަރެއް އެއީ. އެހެންވީމާ، މިހާރު އެ ދުވަސްތައް އަނެއްކާ އިއާދަވަމުން އަންނަ ކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ.

ޝާތިރު ޢަބްދުއް ރަޙުމާން

މަންދީގެ ގަޔަށް ބަޔަކު ކަޅު ތެޔޮ ޖަހާފައި ވަނީ އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން، ފުލުހަށް ޙާޟިރުވާން ވެސް އަންގާފައި ވަނިކޮށެވެ. މިހާތަނަށް ވަނީ ތިން ފަހަރެއްގެ މަތިން މަންދީ ފުލުހަށް ޙާޟިރު ކޮށްފަ އެވެ.

މަންދީ ހާޒިރު ކޮށްފައިވާއިރު، ޗިލްޑްރަންސް އޮމްބޮޑްސްޕަރސަންގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވެސް މަންދީ ޙާޟިރު ކުރި އެވެ. އެއީ ކުޑަ ކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލަ ތަޙުޤީޤު ކުރަން ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މަންދީ ހިމެނޭ ގޮތަށް ބައެއް ފަރާތްތަކުގެ މައްޗަށް މަދަނީ ދަޢުވާ ކުރަން ނިންމަވާފައި ވަނިކޮށެވެ. ސާޖިދާގެ ފަރާތުން މަދަނީ ދަޢުވާތައް ކުރަނީ، މަންދީ ރައީސް މުއިއްޒުގެ ދަރިކަލުންގެ "ކަރާމާތައް" އަރައި ގަނެފައިވާ ކަމަށް ބުނެ އެވެ.

- ކޮމެންޓް