ކ. މާލެ
|
19 މާރޗް 2025 | ބުދަ 13:18
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
ސަން އޮންލައިން
ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލަ
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސްބަޔާން ނެރޭތީ އެ މައްސަލަ ވެސް ޖޭއެސްސީން ބަލަނީ
އެ މައްސަލަ ބަލަން ނިންމި ނިންމުމާއި ގުޅިގެން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވޭ
މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީވެވިދާނެ ކަމަށް ގާނޫނުގައިވޭ
26 ފެބްރުއަރީ 2025 ގައި ފަނޑިޔާރު އަޒްމިރަލްދާ ވަނީ ސަސްޕެންޑް ކޮށްފައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސްބަޔާން ނެރޭތީ އެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ބަލަން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސްބަޔާން ނެރޭތީ ސުލޫކީ މައްސަލައެއް ގޮތުގައި ބަލަން ނިންމީ އަންގާރަ ދުވަހު އެ ކޮމިޝަންގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ މައްސަލަ ބަލަން ނިންމި ނިންމި ނިންމުމާއި ގުޅިގެން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، އެކަމާއި ދެކޮޅަށް ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ނަމަވެސް ޖޭއެސްސީގެ ގިނަ މެންބަރުންގެ ވޯޓާ އެކު މައްސަލަ ބަލަން ނިންމީ ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

މި މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމިއިރު، މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީވެވިދާނެ ކަމަށް ގާނޫނުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ފުލުފުލުގައި ބަލަން ފަށާފައިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށާފައިވަނިކޮށެވެ. 26 ފެބްރުއަރީ 2025 ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކޮށްފައިވާއިރު، ޖޭއެސްސީން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން އޭނާގެ ވަކީލް އިބްރާހިމް ޝަމީލް މެދުވެރިކޮށް ދަނީ ބަޔާންތައް ނެރުއްވަމުންނެވެ.

އެގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބަލަމުންދާ މައްސަލައާ ގުޅިގެން ވެސް އެތުހުމަތުތައް ދޮގު ކުރައްވައި، ވަކީލު މެދުވެރިކޮށް ބަޔާން ނެރުއްވާފައިވެއެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާ ދަށުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީން ވަނީ ތަހުގީގު ހިންގައި ރިޕޯޓް އެކުލަވާލައިފަ އެވެ. އެ ތަހުގީގަށް ބަޔާން ދެއްވި ކްރިމިނަލް ކޯޓުގެ ތިން ގާޒީން ވެސް ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ވަކީލް ޝަމީލް ނެރުއްވި ބަޔާނެއްގައި ބުނެފައިވެ އެވެ.

- ކޮމެންޓް