ރަޝިޔާ އިން ޔުކްރެއިން އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފި އެވެ.
ވައިޓް ހައުސް އިން ބުނެފައި ވަނީ، އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު، ފޯނުން ކުރެއްވި މަޝްވަރާގައި ޔުކްރެއިންގެ ހަކަތައިގެ އިންފްރާންސްޓްރަކްޗާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ޕުޓިން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.
ގާތް ގަނޑަކަށް ދެ ގަޑިއިރަށް ދެމިގެން ދިޔަ އެ ފޯނު ކޯލުގައި، ކަޅު ކަނޑުގައި ކަނޑުމަތީގެ ހަނގުރާމަ ހުއްޓާލުމުގެ އިތުރުން، ދާއިމީ ސުލްހައަކާ ދިމާލަށް މަސައްކަތް ކުރުމަށް ދެ ރައީސުން އެއްބަސްވެ ވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން، މެދު އިރުމަތީގައި ވަގުތުން މަޝްވަރާތައް ފެށުމަށް ވެސް ދެ ރައީސުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ހާމަކޮށްފައިވެ އެވެ.
މަޝްވަރާއާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވި ގޮތުގައި އެ މުޢާމަލާތަކީ ވަރަށް "ރަނގަޅު އަދި ފައިދާހުރި" މުޢާމަލާތެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް އޭނާ ރައީސް ކަމުގައި ހުންނެވި ނަމަ، އެ ހަނގުރާމަ ފެށިގެން ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު މި ހަނގުރާމައިގައި ސަތޭކަ ހާހަށްވުރެ ގިނަ މީހުން މަރުވެ، މިލިއަނެއްހާ މީހުންނަށް ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައިވެ އެވެ.
މިއީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕުގައި ހިނގި އެންމެ ބޮޑު ހަނގުރާމައެވެ. ތިން އަހަރަށް ދިގު ދެމިގެންދާ ހަނގުރާމައާ ގުޅިގެން ޔުކްރެއިން އިން ވަނީ، އެމެރިކާ އިން ހުށަހެޅި ހަނގުރާމަ ހުއްޓުމުގެ ހުށަހެޅުމަށް އެއްބަސްވެފަ އެވެ.
އެހެން ނަމަވެސް، ޕުޓިން ވިދާޅުވެފައި ވަނީ މުހިންމު ޝަރުތުތަކެއް ފުރިހަމަ ވަންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.
ރަޝިޔާގެ ތަރުޖަމާން ދިމިތުރީ ޕެސްކޮވް ވިދާޅުވި ގޮތުގައި، ދެ ރައީސުންގެ މެދުގައި ވަނީ "ވަކި މިންވަރެއްގެ އެއްބަސްވުމެއް" ވެފައި އެވެ.
އެއީ މީގެ ކުރިން ފެބްރުއަރީ 12 ގައި ކުރެވުނު މުޢާމަލާތާއި، އޭގެ ފަހުން ދެ ޤައުމުގެ މެދުގައި ކުރެވުނު މަތީ ފެންވަރުގެ މުޢާމަލާތްތަކުގެ މައްޗަށް ބިނާކޮށް ވެވުނު އެއްބަސްވުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.