އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި 326 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެ އެވެ.
މި ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިދިޔަ ޖަނަވަރީ 19 ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ވަނިކޮށް، އިސްރާއީލުން އަލުން ފެށި ޙަމަލާތަކާ ގުޅިގެން މިޞްރު، ޤަތަރު އަދި ތުރުކީ ފަދަ އަރަބި ޤައުމުތަކުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.
މިޞްރުގެ ފޮރިން މިނިސްޓްރީ އިން ބުނީ، އެ ޙަމަލާ ތަކަކީ ސަރަޙައްދުގެ ސުލްޙަވެރިކަމަށް ނުރައްކާ ވެދާނެ ކަމެއް ކަމަށެވެ.
އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވެސް ވަނީ އިސްރާއީލުގެ މި ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައި އެވެ. އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެދި ވަޑައިގެންފައިވެ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ އެހީގެ ކޮމިޝަނަރ ހަދްޖާ ލަހްބީބް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ވޭން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އަވަހަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި ހަނގުރާމައިގެ ސަބަބުން، ސަރަޙައްދުގެ ޙާލަތު އިތުރަށް ގޯސްވެ، އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ފާޅު ކުރަމުންނެވެ. އަދި ވީހާ ވެސް އަވަހަކަށް ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ޙައްލު ކުރުމަށް ގޮވާލަމުންދެ އެވެ.