ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުއްޖާގެ ނަމާއި މައުލޫމަތު ހާމަކޮށްފައިވާތީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އާއި އޭނާގެ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރުގެ މައްސަލަ ކަމާއި ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ނިންމައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަޙްމަދު މައުރޫފް ވިދާޅުވީ އެ މައްސަލަ ޖެންޑަރ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް (އެފްސީޕީޑީ) އަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ މަރިޔަމް ޒުބައިރު (މަންދީ) އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަށް މަދަނީ ދައުވާ ކުރުމަށް ސާޖިދާ ވަނީ ނިންމަވާފައެވެ.
15 މާރޗް ވީ ހޮނިހިރު ދުވަހު ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ނެރުނު ނޫސް ބަޔާން މީޑިއާ އާއި ހިއްސާކުރައްވާފައި ވަނީ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރެވެ. އެ ނޫސް ބަޔާނުގައި ކުޑަކުއްޖެއްގެ ނަމާއި އުމުރު ފަދަ ޒާތީ މައުލޫމާތު ވަނީ ހާމަކޮށްފައެވެ.
އެކަން ފެށިގެން އައީ މުޒާހަރާ އެއްގައި ދެއްކި ވާހަކަ އާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ އިޝާރާތްކުރާ މުޒާހަރާގައި އެއްވެސް ކުޑަކުއްޖެގެ ނަމާއި ކުއްޖާ އާއި ގުޅޭ ޒާތީ މައުލޫމާތު ހާމަކޮށްފައި ނުވާކަން މައުރޫފް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ކުއްޖާގެ ވަނަވަރު ހާމަ ކުރީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އާއި ޤާނޫނީ ވަކީލް އާޒިމާ ޝަކޫރު ކަމަށް ވެސް މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ. ސާޖިދާގެ ޤާނޫނީ ވަކީލްގެ ގޮތުގައި އާޒިމާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށް ފާހަގަކޮށް އެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަށާއި އެފްސީޕީޑީ އަށް ހުށަހަޅަން އެމްޑީޕީން ނިންމާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ވަކި ކުއްޖެއްގެ މައުލޫމާތު ހާމަކޮށް އެކުއްޖާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެކުއްޖާގެ މަންމަ އާއި، މަންމަގެ ފަރާތުން ވާހަކަ ދެއްކި ގާނޫނީ ވަކީލުގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި | #MDPPress pic.twitter.com/4fzpQbnc8i
— RaajjeTV (@Raajje_tv) March 18, 2025
ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް ސިޔާސީ ގޮތުން އޭނާ އަށް ތަފާތު ފާޑުކިޔުންތައް އަމާޒުވާ ކަމަށެވެ. ނަމަވެސް ސިޔާސީ ފާޑުކިޔުންތަކާއި މެދު އެއްޗެއް ބުނެ ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް ސާޖިދާގެ 18 އަހަރު ނުފުރޭ ކުޑަ ކުދިންގެ އަބުރު ގެއްލޭ ގޮތަށް ފަހަކަށް އައިސް ސިޔާސީ ހަރަކާތްތަކުގައި ވާހަކަދައްކަމުންދާތީ އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.