ކ. މާލެ
|
18 މާރޗް 2025 | އަންގާރަ 13:13
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު
"ރައީސް ބޭނުން ނުވާ ހާލަތެއްގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެވޭނެ ގޮތެއް ނެތް"
މިހާރުވެސް ވަޒީރުން ހާޒިރުކުރުމަށާއި މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށް ނުދާކަން އޭނާ ވަނީ ފާހަގަކުރައްވާފަ
ރައީސް ބޭނުންފުޅު ނުވާ ގޮތަކަށް މި މަޖިލީހުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށް މައުރޫފް ވިދާޅުވި
އެ ގަވައިދަށް ބަދަލު ގެނައީ ވަކި މައްސަލަތަކެއް އަަވަސްކުރަން ކަމަށް މައުރޫފް ވަނީ ތުހުމަތުކުރައްވާފަ

މަޖިލީހުގެ އާންމު ކޮމިޓީން ކިތަންމެ ހަރުދަނާ އުސޫލެއް ފާސްކުރިޔަސް، ރައީސް ބޭނުން ނުވާ ހާލަތެއްގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 272 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ހުށަހަޅުއްވާފައިވާ މައްސަލަ އާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރަން ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ ގަވާއިދުގެ 180 ވަނަ މާއްދާގެ (ރ) އިސްލާހު ކުރުމަށް ހިމަނާފައެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރުކުރާނަމަ އެ ފަރާތެއް ހާޒިރުކުރުމަށް ނިންމާ ތާރީހާއި ހާޒިރު ވާން ޖެހޭ ތާރީހާއި ދެމެދު ބަންދު ދުވަސްތައް ނުހިމެނޭ ހެން 5 ދުވަސް ދޭން ވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮމިޓީ އަށް ހާޒިރުކުރުމަށް ނޯޓިސް ފޮނުވާ މުއްދަތުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭހެން 3 ދުވަސް ދިނުމަށް ފަހުގަ ނޫނީ އެއްވެސް ފަރާތެއް ކޮމިޓީ އަށް ހާޒިރުކޮށްގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ. 

ހަމައެހެންމެ މި ގަވައިދުގައި މައުލޫމާތު ހޯދުމަށް ނުވަތަ ކަމެއް ސާފުކުރަން އެދި ލިޔުމެއް ހޯދަން އެދެވޭނީ އެކަމަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭހެން 5 ދުވަސް ދޭން ވާނެ ކަމަށް ވަނީ ބުނެފައެވެ. މި ގަވައިދުގައި މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް މުއްދަތެއް ބަޔާންކޮށްފައި ނުވާ ހާލަތުގައި އެ މައުލޫމާތެއް ސާފުކުރުމަށް ލިޔުމެއް ހޯދުމަށް އެދެވޭނީ އެކަމަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ހިމެނޭހެން 3 ދުވަސް ދިނުމަށް ފަހުގައި ކަމަށް ވަނީ ބުނެފައެވެ.

އެ ގަވައިދަށް ބަދަލު ގެނައީ ވަކި މައްސަލަތަކެއް އަަވަސްކުރަން ކަމަށް މައުރޫފް ވަނީ ތުހުމަތުކުރައްވާފައެވެ. މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައި ކަމުގައި ވީ ނަމަވެސް ވަޒީރަކު ނުވަތަ ކުންފުނިތަކުގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާ ހާލަތުގައި އެކަމަށް ފުރުސަތު ނުލިބޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. މިހާރުވެސް ވަޒީރުން ހާޒިރުކުރުމަށާއި މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށް ނުދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

 މައުރޫފް އެހެން ވިދާޅުވުމުން މައުރޫފްގެ ވާހަކަ އާއި ދެކޮޅަށް ޕީއެންސީގެ މެމްބަރުން ވަނީ ވާހަކަދައްކަވާފައެވެ. އެ މެމްބަރުން ވަނީ މަޖިލީސް މަސައްކަތް ކުރަނީ މިނިވަން ކަމާއި އެކުގައި ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވެސް ވަނީ މަޖިލިސް މިނިވަންކަމަށް ފާހަގަކުރައްވާފައެވެ.

އެކަމާއި ގުޅިގެން މައުރޫފް ވިދާޅުވީ މަޖިލީހުގެ ރައީސާއި ޕީއެންސީގެ މަޖިލީސް މެމްބަރުން ވަނީ ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް ވިދާޅުވެފައެވެ. އަދި ރޯދަ މަހު ވަޒީރުން ހާޒިރު ނުކުރުމަށް ރައީސް އަންގަވާފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ރައީސް ބޭނުންފުޅު ނުވާ ގޮތަކަށް މި މަޖިލީހުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށް މައުރޫފް ވިދާޅުވިއެވެ.  

- ކޮމެންޓް