ކ. މާލެ
|
17 މާރޗް 2025 | ހޯމަ 19:24
ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކާ ކަމަށް ބުނެ އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއް ސުއޫދު - ފައިލް
ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކާ ކަމަށް ބުނެ އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއް ސުއޫދު - ފައިލް
މުހައްމަދު ޝަރުހާން
ފަނޑިޔާރުންނަށް ބިރު ދައްކާ މައްސަލަ
ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކާ މައްސަލަ ބައިނަލްއަގުވާމީ އިދާރާތަކަށް ހުށަހަޅައިފި
ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން އަދި ކޮމަންވެލްތުގެ އިތުރުން ވޯލްޑް ބޭންކާއި އައިއެމްއެފް އަށް ވެސް ވަނީ ހުށަހަޅާފައި
3 ފަނޑިޔާރުން ސަސްޕެންޑްކުރީ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބަލަން ފެށުމުން، ބަންޑާރަ ނައިބުގެ އިންޒާރުތަކެއް ލިބިފައިވަނިކޮށް
މި ސަރުކާރު ވެރިކަމަށް އައި ފަހުން ޝަރުއީ ދާއިރާއަށް ދަނީ ނުފޫޒު ފޯރުވަމުން

ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކޮށް، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން އަދި ކޮމަންވެލްތަށް ހުށަހަޅައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކޮށް ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން އަދި ކޮމަންވެލްތަށް ހުށަހެޅުއްވީ ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ހުސްނުއް ސުއޫދުއެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާ ޚިލާފަށް ދިވެހި ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވާތީ އެކަމަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީ މާޗް މަހުގެ 4 ވަނަ ދުވަހުއެވެ.

އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން އަދި ކޮމަންވެލްތަށް ސުއޫދު ހުށަހެޅުއްވި މައްސަލައިގައި ފަނޑިޔާރުން ސަސްޕެންޑްކުރި ގޮތާއި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ގާނޫނަށް ގެންނަ އުޅުނު ބަދަލާ ގުޅޭ މައްސަލަ ހިމަނުއްވާފައިވެއެވެ. ސުއޫދު ވިދާޅުވެފައިވަނީ އޭނަ ހިމެނޭ ގޮތަށް އިތުރު 2 ފަނޑިޔާރަކު ސަސްޕެންޑްކުރީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު 7 ން 5 ށް ބަދަލުކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅާ، ސަރުކާރުގެ މެންބަރުންގެ އަގުލަބިއްޔަތުން އެ އިސްލާހު ފާސްކުރުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސްއަޅައި ސުޕްރީމް ކޯޓުން ބަލަމުންދިޔަ، މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބޭރުކުރުމަށް އަންގާ ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ބުނެފައިވެއެވެ.

އެގޮތުން ސުއޫދު ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވަނީ އުއްތަމަ ފަޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލާނެކަމަށް ބުނެ، ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އެޖެންޓެއް ފޮނުވައިގެން އިންޒާރު ދެއްވާފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ތިން ފަނޑިޔާރުންގެ ޖިނާއީ މައްސަލަތަކެއް ބަލަމުންދާތީކަމަށް ބުނެފައިވީނަމަވެސް މިހާތަނަށް އެއީ ކޮން މައްސަލައެއްކަމެއް ވެސް ހާމަކޮށްފައިނުވާ ކަމަށެވެ.

މިއާއެކު ސުޕްރީމް ކޯޓުގައި މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބަލަމުންދަނިކޮށް، ޖޭއެސްސީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަފާތެރި ސިޔާސީ ފަރާތްތައް އައްޔަންކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް ޝަރުއީ ދާއިރާއަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ސުއޫދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވެއެވެ.

އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން އަދި ކޮމަންވެލްތަށް މައްސަލަ ހުށަހެޅުއްވި އިރު، އޭނާ އެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑް ކުރިކަން ވޯލްޑް ބޭންކް އަދި އައިއެމްއެފްއާވެސް ސުއޫދު ވަނީ ހިއްސާކުރައްވާފައެވެ.

ފެބްރުއަރީ މަހުގެ 26 ވަަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން ސަސްޕެންޑް ކުރީ ވަރަށް ކުއްލި ގޮތަކަށެވެ. ފަހުން ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި މަހާޒު އާއި އަޒްމިރަލްދާގެ މައްސަލަ ޖޭއެސްސީ އިން އަންނަނީ ތަހުގީގުކުރަމުންނެވެ.

ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓިން ވަކި ވުމުން ނުވަތަ ވަކި ކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހާ މެދު ގޮތެއް ކަނޑައެޅެންދެން މެމްބަރުކަން ނުގެއްލޭ ގޮތައް ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅި މައްސަލަ އަށް ގޮތެއް ނިންމުމުގެ އަޑު އެހުމަށް ވަކީލުން ތިބީ ކޯޓަށް ވެސް ހާޒިރު ވެފައެވެ.

(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވުމުން މަޖިލީހުން ބޭރުކޮށްނުލާ އަލުން ކޮމިޓީއަށް ވަނީ ފޮނުވާލާފައެވެ. އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ. ހޯމަ ދުވަހުގެ ޖަލްސާގައި، 57 މެމްބަރުންގެ ވޯޓާއި އެކު އެ ބިލު އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ.

- ކޮމެންޓް