ކ. މާލެ
|
17 މާރޗް 2025 | ހޯމަ 12:36
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވާހަކަދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖޭއެސްސީއަކީ ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވާ ކޮމިޝަނަކަށްވާން ޖެހޭ: މެންބަރު އައްބާސް
މި ބިލު ފާސްކުރިއިރު ވެސް ގާނޫނު އަސާސީއާ ހިލާފުކަން އެނގޭ، ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަންޖެހޭ
ޖޭއެސްސީއިން ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއް ހުއްޓުވާލި
ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރޭ

ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވާ ކޮމިޝަނަކަށްވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުން ފާސްކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސޫގެ 91 ވަނަ މާއްދާގެ (ހ)ގެ ދަށުން ތަސްތީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު އައްބާސް ވިދާޅުވީ މި ބިލު ފާސްކުރިއިރު ވެސް ގާނޫނު އަސާސީއާ ހިލާފުކަން އެނގޭ ކަމަށާއި، މިއަށްވުރެ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފުކަން ރާއްޖޭގެ ގިނަ ފަނޑިޔާރުންނާއި، ގާނޫނީ ވަކީލުން ވެސް ފާހަގަކޮށްފައިވާ ކަމަށް މެންބަރު އައްބާސް ވިދާޅުވިއެވެ.

މެންބަރު އައްބާސް ވިދާޅުވީ އެ ބިލު ފާސްކުރުމަށްފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބައްދަލުވުމެއް ބާއްވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއް ހުއްޓުވާލި ކަމަށާއި، އެ މައްސަލަ ހުއްޓުވާލީ އިންސާފުވެރިކޮށް ނޫން ކަމަށެވެ. ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބޭފުޅުން ވެސް ޝަރީއަތަށް ނުފޫޒު ނުފޯރުވާ ބަޔަކަށްވާން ޖެހޭ ކަމަށް މެންބަރު އައްބާސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖޭއެސްސީން ބަލަމުން ދިޔައީ އެދުވަހުން ދުވަހަށް ހިނގާދިޔަ މައްސަލައެއް ނޫން ކަމަށާއި، އެއީ މާކުރިން ހިނގާފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން މެންބަރު އައްބާސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރާ ބިލު ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުން މަޖިލީހުން ފާސްކުރުމުން ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ ސިކުނޑިތަކަށް ގަބޫލުކުރެވެން ޖެހެނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރުން ނިސްބަތްވާ ޕާޓީން ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ބާރުގެ ތެރެއަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރާކަން. ކޮންމެ ހައިސިއްޔަތަކުން ވެސް ޕީއެންސީއަށް ނިސްބަތްވާ ބޭފުޅަކު މި އިއްޒަތްތެރި މަޖިލީހަަށް ބިލު ހުށަހަޅާ، ޕީއެންސީގެ ސުޕަ މެޖޯރިޓީއާއެކު ފާސްރީމަ ރައްޔިތުންނަށް ގަބޫލުކުރެވިފައި އޮތީ ޖުޑީޝަރީގެ ތެރެއަށް ސަރުކާރު ވަންނަނީއޭ. އަތްފައި ބާނަނީއޭ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް

މެންބަރު އައްބާސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރާ ބިލު ބާތިލް ކުރަންޖެހޭ ކަމަށާއި، އެބިލު ކޮމެޓީއަށް ފޮނުވަން ބޭނުން ނުވާ ކަމަށެވެ. އެހެން ނޫން ކަަމަށްވާނަމަ އެ ބިލު އޮންނާނީ އަބަދުވެސް ފަނޑިޔާރުންނަށް ބިރު ދައްކާ ބިލެއްގެ ގޮތުގައި ކަމަށް މެންބަރު އައްބާސް ވިދާޅުވިއެވެ.

- ކޮމެންޓް