ޔުކްރެއިން ހަނގުރާމަ ހުއްޓުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން މި ހަފުތާ ތެރޭގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް، އެމެރިކާގެ ރައީސް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ވެރި ރަށް މޮސްކޯ ގައި ޕުޓިން އާއެކު ބޭއްވެވި "ކާމިޔާބު" ބައްދަލުވުމަަށް ފަހު، ސީއެންއެން އަށް ދެއްވި އިންޓަވިޔުއެއްގައި ވިޓްކޮފް ވިދާޅުވީ، ދެ ރައީސުންގެ މަޝްވަރާތައް "ވަރަށް ރަނގަޅު އަދި އެދެވޭ" ގޮތަކަށް ކުރިއަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޔުކްރެއިން އިން ޤަބޫލުކޮށްފައިވާ 30 ދުވަހުގެ ހުއްޓުމަށް، ރަޝިޔާގެ ރައީސް ޕުޓިންގެ އެއްބާރުލުން ހޯދުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ކާސްކް ސަރަހައްދުގައި ދެ ފަރާތުގެ ދެ މެދުގައި ވަރުގަދަ ހަނގުރާމައެއް ކުރިއަށްދެ އެވެ.
ރަޝިޔާ އިން އިން ބުނެފައިވާ ގޮތުގައި، ޕުޓިން ވަނީ ޔުކްރެއިން ހަނގުރާމަ 30 ދުވަހުގެ މުއްތަކަށް ހުއްޓުމުގެ މައްސަލައިގައި އުންމީދީ ގޮތަކަށް ވާހަކަ ދައްކަވާފަ އެވެ.
އަދި ޓްރަމްޕްގެ ޚާއްސަ މަންދޫބު ވިޓްކޮފް މެދުވެރިކޮށް، ޕުޓިން ވަނީ ޓްރަމްޕަށް މެސެޖެއް ފޮނުއްވާފައި ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. އަދި ޔުކްރެއިން ސިފައިން ހަތިޔާރު ބަހައްޓައިފި ނަމަ، އެމީހުންގެ ފުރާނަ ސަލާމަތް ކޮށްދޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
ނަމަވެސް، އެމެރިކާގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި ހުއްޓުމަކަށް އައުމުގެ ކުރިން އަދިވެސް ގިނަ ގޮން ޖެހުންތަކެއް އެބަ ހުއްޓެވެ. އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވީ. ސުލްހަ އަށް ވާސިލުވުމަށް ދެފަރާތުން "އުނދަގޫ ތަނާޒުލުތަކެއް" ވާން ޖެހޭނެ ކަމަށެވެ.