ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަށް އިންޒާރު ދިން މައްސަލަ ރާއްޖެޓީވީން ކުށްވެރިކޮށްފިއެވެ.
ރާއްޖެޓީވީން އެކަން ކުށްވެރިކޮށް އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް މުއިއްޒު ގުޅުއްވާ ފިޔާޒަށް ބިރުދެއްކުމުން ރާއްޖެޓީވީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެ އިސް ފަރާތުން އެފަދަ ކަމެއް ހިންގުން އެއީ އަދި ވަކިން ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި މައްސަލަ ކަމާއި ބެހޭ ފަރާތްތަކުން އަވަހަށް ތަހުގީގުކުރުމަށް ވެސް ރާއްޖެޓީވީން ވަނީ ގޮވާލާފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖެޓީވީ އަކީ ވެސް މީގެ ކުރިން ބައެއް ސަރުކާރުތަކުގައި އިންޒާރުތައް ލިބި، އިންޒާރުތަކަށް ފަހު ދައުލަތުގެ ހިމާޔަތް ރައްކާތެރިކަން ނުލިބި މުދަލަށާއި މުވައްޒަފުންނަށް އަނިޔާ ލިބިފައިވާ ސްޓޭޝަނެއް ކަމަށެވެ. އެހެންކަމުން މިފަދަ އަމަލުތައް ލުއިކޮށް ނުނެގުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެއެވެ.
އަދި ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މި ސަރުކާރަށް ތާއީދު ނުކުރާ މީޑިއާތައް އެކަހެރިކޮށް، މާލީ ގޮތުން ދަތިކޮށް، ހުރަސް އެޅުމުގެ މަސައްކަތް ސަރުކާރުގެ ފެންވަރުގައި ރާވާ އިންތިޒާމްކޮށް ހިންގަމުން ކަމަށް އެ ސްޓޭޝަނުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މި އަމަލު ލުއި ގޮތަކަށް ނުނަގާ އަދަދު ނޫހަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް އެ ސްޓޭޝަނުން ވަނީ ގޮވާލާފައެވެ. އަދި ރައީސް މުއިއްޒު އަށް ތާއީދު ކުރާ މީޑިއާތައް ނޫން މީޑިއާތައް އެކަހެރިކުރާ ކަމަށް ވެސް ރާއްޖެޓީވީން ވަނީ ބުނެފައެވެ. މިނިވަންކަމާއި އެކު މީޑިއާ އަށް ހަރަކާތްތެރިވާން އޮތް ޖާގަ ހަނިކުރާ ކަމަށް ވެސް އެ ސްޓޭޝަނުން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މާޗު 14، 2025 ދުވަހުގެ ރޭގެ 19:04 ގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ، އަދި ސީ.އީ.އޯ، ޙުސައިން ފިޔާޒު މޫސާއަށް ގުޅާ އިންޒާރު ދެއްވާފައިވާ މައްސަލަ އަދަދު ނޫހުން ވަނީ ޕޮލިހަށް ހުށަހަޅާފައެވެ.
ރާއްޖެޓީވީން އިތުރަށް ބުނީ އަދަދު ނޫހަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ މީޑިއާ އަށް ބިރު ދެއްކުމުގެ ގޮތުން މިހާތަނަށް ރާއްޖޭގެ މަތީ ވެރިއަކު ނުކުރައްވާ ވަރުގެ ދެރަވަރު އަމަލެއް ކަމަށެވެ. އަދި މި އަމަލަކީ ޖުމްލަކޮށް މުޅި މީޑިއާ އަށް ދިން ވަރުގަދަ އިންޒާރެއް ކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ.
އަދަދު ނޫހުގެ ސީއީއޯ އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބިރު ދެއްކެވި އަމަލު ކުށްވެރިކުރުން pic.twitter.com/FPgFj4p2gN
— RaajjeTV (@Raajje_tv) March 16, 2025
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޙުސައިން ފިޔާޒު މޫސާއަށް ގުޅާ އިންޒާރު ދެއްވާފައިވާ މައްސަލަ އަދަދު ނޫހުން ވަނީ ޕޮލިހަށް ހުށަހަޅާފައެވެ.