ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާހާ ހިނދަކު ގައުމީ އެއްބައިވަންތަކަމެއް ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ މެންދުރު 1:30 ގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މަރިޔަމް ޒުބައިރު (މަންދީ) ވަނީ ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުކޮށްފައެވެ. އޭނާ ޕޮލިހަށް ހާޒިރުކުރި ވަގުތު އެމްޑީޕީގެ އިސް ބައެއް ފަރާތްތަކާއި، އާއްމުން ވަނީ އެސަރަހައްދަށް އެއްވެފަ އެވެ.
އެތަނުގައި ހުންނަވައި ރާއްޖެއެމްވީއަށް ފައިސަލް ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ވަގުތު އެ ހައްގުތައް ހޯދުމަށް ރައްޔިތުން ނުކުމެ، ހައްގު ބަސް ބުނާނެ ކަމަށާއި، ބިރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އާއްމު ރައްޔިތުންގެ އިތުރުން ނޫސްވެރިންނަށް ވެސް ބިރު ދެއްކުން ހުއްޓާލަންޖެހޭ ކަމަށާއި، ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ގައުމެއްގައި ހަމަޖެހުން ދެމި އޮންނާނީ ރައްޔިތުންނާއެކު ކަމަށާއި، އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންގެ ވިސްނުމާއި ކަންބޮޑުވުންތަކަށް ބަލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށާއި، ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކޮށް، ވަކި ބައެއްގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާހާ ހިނދަކު ގައުމީ އެއްބައިވަންތަން ދެމި ނޯންނާނެ ކަމަށެވެ.
އަޅުގަނޑުމެންގެ ގައުމަށް ވޭތުވެދިޔަ އަހަރުތަކުގައި އެނގިވަޑައިގަންނަވާނެ ވަރަށް ގިނަ ވަރަށް ބުރަ މަސައްކަތުން ރައްޔިތުން މަގުމަތީގައާ ހައްގުތައް ހޯދުމަށް ކުރި މަސައްކަތްތަކުން އަޅުގަނޑުމެން ގަބޫލުކޮށްގެން މިތިބީ މިހާރު މިބައި މިހާރު މި އޮތީ ނިމިގެން ގޮސްފައޭ. ގަބޫލުކުރެވެނީ ބިރު ދެއްކުން އެނގޭތޯ. ބިރު ދައްކައިގެން ރައްޔިތުން ފަހަތަށް ނުޖެހޭ. އެކަން ވެސް އަޅުގަނޑުމެންނަށް އޮތީ ޔަގީންވެފައި. އަޅުގަނޑުމެންނަށް ވޭތުވެދިޔަ ދުވަސްތަކުން އަހަރުތަކުން ފެނިގެން ގޮސްފި. ރައްޔިތުން ފަހަތަކަށް ނުޖެހޭނެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް![]()
އެމްޑީޕީން ކުރިއަށް ގެންދާ ކުއްލި އެއްވުންތަކާ ގުޅިގެން އާއްމު ރައްޔިތުން ފުލުހަށް ހާޒިރު ކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ފައިސަލް ވިދާޅުވީ ފުލުހުންނަކީ ވަރަށް އިހުތިރާމް ކުރާ ބައެއް ކަމަށާއި، އެ އިހުތިރާމް ދެމެހެއްޓުމަށް އެ މުއައްސަސާއިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ފުލުހުން ސިޔާސީ ކަންކަމުގައި ބޭނުން ނުކުރާ ކަމަށާިއ، ރައްޔިތުންނަށް އެ މަންޒަރު ދައްކައި، އިތުބާރު ހޯދާދީފައިވާ ކަަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ފުލުހުންގެ އިތުރުން މިނިވަން މުއައްސަސާތަކުން ވެސް މިނިވަންކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރަންޖެހޭ ކަމަށެވެ.