އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން އަލީ މަޤާމުން ވަކިކޮށްފިއެވެ.
ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ބަލަހައްޓާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން މި ނިންމުން ހޮނިހިރު ދުވަހު އިއުލާން ކުރި ނަމަވެސް، ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
ފިފްޝީން މި މަޤާމަށް އައްޔަންކުރެވުނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އޭނާގެ ކުރިން މި މަޤާމުގައި ހުންނެވި އަޙްމަދު ޒީނާދު މިހާރު ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ އިސް މަޤާމެއްގަ އެވެ.
އެސްޑީއެފްސީއަށް އައުމުގެ ކުރިން ފިފްޝީން ވަނީ ބޭންކް އޮފް މޯލްޑިވްސްގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފަ އެވެ. މީގެ ތެރޭގައި ހެޑް އޮފް ކާޑްސް، ހެޑް އޮފް ޗެނަލް މެނޭޖްމަންޓް، އަދި ހެޑް އޮފް އެކުއަރިންގ އެންޑް ޑިޖިޓަލް ޕޭމަންޓްސް ފަދަ މުހިންމު މަޤާމުތައް ހިމެނެއެވެ.
2019 ވަނަ އަހަރު އުފެއްދި އެސްޑީއެފްސީއަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކޯޕަރޭޝަން އެކެވެ.
މި މުއައްސަސާގެ ހިއްސާދާރުންގެ ގޮތުގައި ސަރުކާރާއި، މާލޭ ސިޓީ ކައުންސިލް، ފުވައްމުލަކު ސިޓީ ކައުންސިލް، އަދި އައްޑޫ ސިޓީ ކައުންސިލް ހިމެނެ އެވެ.
ފާއިތުވި މަސްތަކުގައި، އެސްޑީއެފްސީން ވަނީ ބައެއް ލޯނު ޕްރޮގްރާމްތައް މެދުކަނޑާލާފައެވެ. ނަމަވެސް މިވަގުތު ވަކި ބާވަތްތަކެއްގެ ލޯނުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެ އެވެ.