މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީއަށް އައްޔަންކުރައްވައިފި އެވެ.
މިނިސްޓަރު ފެންވަރުގައިި، މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރެއްގެ ގޮތުގައި ކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފަ އެވެ. ނަރީޝް އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އަދި މަޤާމާއި ހަވާލުވެވަޑައިގަންނަވާނީ މާދަމާކަންވެސް ރާއްޖެއެމްވީއަށް މަޢުލޫމާތުލިބިފަ އެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން ނަރީޝް އިސްތިއުފާ ދެއްވީ މި މަހުގެ 12ވަނަ ދުވަހު ދެއްވިއިރު، އޭނާ އިސްތިއުފާ ދެއްވީ އެހެން މަގާމެއްގައި ޚިދުމަތްކުރުމުގެ ފުރުސަތު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އޭނާއަށް ލިބިލެއްވުމުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގެ އެކި މަޤާމުތަކުގައި މިނިސްޓަރުންގެ ފެންވަރުގައި ގިނަ އަދަދެއްގެ ބޭފުޅުން އައްޔަންކުރައްވާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަނިވެސް މިނިސްޓަރު ފެންވަރުގެ 10 ބޭފުޅުން ތިއްބަވައެވެ.